އަންނަ ހުކުރު ދުވަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ކުރީގެ ރައީސް އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް ދައުވަތު ދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު ވިދާޅުވީ އިންތިހާބީ ރައީސް ޑރ.މުއިއްޒު ހުވާ ކުރެއްވުމުގެ ދަރުބާރަށް ރައީސް ޔާމީނަށް ދައުވަތު އަރުވާނެ ކަމަށެވެ. އެމަނިކުފާނަށް އެ ދައުވަތު މާދަމާ ފޮނުއްވާނެ ކަމަށް ވެސް ޒިޔާއު ވިދާޅުވި އެވެ.
އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނު މިހާރު ހުންނެވީ މާލެ ބަންދުގައި ގޭގަ އެވެ. ޔާމީން ގޭ ބަންދަށް ބަދަލުކުރީ އޮކްޓޯބަރު 1 ގަ އެވެ. އެއަށް ފަހު މާލޭ ސަރަހައްދުގައި ހަރަކާތްތެރިވެ އުޅެވޭ ގޮތަށް ލުއިތައް އޮކްޓޯބަރު 28 ވަނަ ދުވަހު ދިނެވެ.
ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުއްވުމަށް ބޭރަށް ވަޑައިގެންނެވެ އެވެ. އެ ހުއްދައިގެ ދަށުން ރައީސް ޔާމީން ފުޓްސަލް ކުޅުއްވަން ވަޑައިގަންނަވަ އެވެ. އަދި ކުރީން ހުއްދަ ހޯއްދެވުމަށް ފަހު މުހިންމު ޖަލްސާތަކާއި ބައްދަލުވުންތަކަށް ވެސް ވަޑައިގެންނެވޭނެ މަގު ވަނީ ތަނަވަސް ވެފަ އެވެ.
އިންތިހާބީ ރައީސް ހުވާކުރައްވާ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީ ޖުމްހުރީ މައިދާނުގަ އެވެ. މޫސުން ތަން ނުދޭނަމަ މަޖިލިސް އިދާރާގަ އެވެ. މި ރަސްމިއްޔާތުގެ ރަސްމީ ދައުވަތު 3،500 ފަރާތަކަށް ފޮނުވާފައިވާ ކަމަށް މަޖިލިސް އިދާރާއިން ބުނެ އެވެ. އޭގެއިތުރުން 1،000 އާންމުންނަށް ރަސްމިއްޔާތަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފައިވެ އެވެ.
މަޖިލީހުގެ ޖަލްސާއެއްގެ ގޮތުގައި ކުރިއަށް ގެންދާ ޑރ. މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖެއްސުމަށް 22.9 މިލިއަން ރުފިޔާ އަށް ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކްއާ ވަނީ ހަވާލުކޮށްފަ އެވެ. އެ ކުންފުނިން މިހާރު އަންނަނީ ޖުމްހޫރީ މައިދާން ބަންދުކޮށް ރަސްމިއްޔާތަށް އެ ސަރަހައްދު ތައްޔާރު ކުރަމުންނެވެ.
ފިއްކަނޑައިގެންދާވަރުގެ ޚަރަދުކުރަނީ ނިކަމެތިންނިކަމެތިކޮށް ގާތުގައުޅޭމީހުންމުއްސަނދިކޮށް ރައްޔިތުންއަޅުވެތިކުރަން ދެހާސްއަށަކުންފެށިގެން މިއީމިކުޅޭކުޅި ރައްޔިތުންހޭއަރަންވެއްޖެެ