ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގައި ތިބި މުވައްޒަފުންގެ އަދަދު 8،126 އަށް އަރާ ކަމަށާއި އެމީހުންނަށް މަހެއްގެ މައްޗަށް 82 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ދެއްކި ނަމަވެސް އެއީ ދޮގު ވާހަކައެއް ކަމަށާއި ގާނޫނާ ހިލާފު އަދި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިދިޔަ ބުރާސްފަތު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާން ފިރުޒުލް ވިދާޅުވީ މި އަހަރުގެ މާޗު މަހުގެ ފަހުން މިއަދާ ހަމައަށް އިތުރު 747 މުވައްޒަފުން ފެނަކަ އަށް ނަގާފައިވާ ކަމަށެވެ.
ފިރުޒުލް ވިދާޅުވީ 2018 ވަނަ އަހަރު ނިމުނު އިރު ފެނަކައިގައި ތިބީ 2،756 މުވައްޒަފުން ކަމަށެވެ. ނަމަވެސް މިއަދު މިހާތަނަށް 8،126 މުވައްޒަފުން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ 5،370 މުވައްޒަފުންގެ އިތުރުވުމެކެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ އިންތިހާބީ ރައީސްގެ އޮފީހުން ހާމަ ކުރި މައުލޫމާތު ތަކަކީ ތެދު މައުލޫމާތު ތަކެއް ނޫން ކަމަށެވެ. އަދި އިންތިހާބީ ރައީސްގެ އޮފީހަކީ ސަރުކާރު ހިންގާ އޮފީހެއް ނޫން ކަމަށް ސައީދު ވިދާޅުވި އެވެ.
ފެނަކައިން އެއްވެސް މީހަކަށް ނުހައްގު ވަޒީފާއެއް އަދި ސިޔާސީ ގޮތުން ދިން އެއްވެސް ވަޒީފާއެއް ނޯންނާނެ ކަމަށާއި ފެނަކައިގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދިޔައީ ގާނޫނީ އިމުގެ ތެރެއިންކަމަށް ސައީދު ވިދާޅުވި އެވެ. އަދި ފެނަކައިގަ ކޮރަޕްޝަން ގިނަ ކަމަށް ބުނެ ކުރާ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ސައީދު ވިދާޅުވި އެވެ.
" (އޭސީސީއަށް) ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 70 އިންސައްތަ ބަލައި ނިމުނުއިރުވެސް ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް މިއަދާ ހަމައަށް ސާބިތުކުރެވިފައެއް ނެތް." ސައީދު ވިދާޅުވި އެވެ.
މީގެކުރިން ވެސް ފެނަކައިގެ ކޮރަޕްޝަން މައްސަލަތަކެއް އޭސީސީއަށް ހުށަހެޅި ނަމަވެސް އެއިން އެއްވެސް މައްސަލައެއް ސާބިތުވެފައެއްނުވެ އެވެ.
ނަމަވެސް މިހާރު ފެނަކައާ ގުޅޭ ކޮރަޕްޝަންގެ 75 މައްސަލައެއް އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެކޮމިޝަނުން ބަލަމުންދާ ފެނަކައިގެ 75 މައްސަލައިގެ ތެރޭގައި، ކުންފުނި ހިންގުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި، އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާ ކަމުގެ ތުހުމަތުތަކުގެ މައްސަލަތަކާއި، ކުންފުނީގެ ޕްރޮކިއުމަންޓު އުސޫލުތަކާ ޚިލާފުވުމުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.
އަދި ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭގޮތުން އެކަށައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ހިމެނޭ ކަމަށް ވެސް އޭސީސީއިން ބުނެ އެވެ.