މިފްކޯގެ ފްލީޓަށް އިތުރު ކުރާ ތިން ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ރާއްޖެ އައުމަށް ދަތުރު ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިފްކޯ އިން އަންނަނީ މަސްކިރުވުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން އެ ކުންފުނީގެ ފްލީޓަށް އިތުރު ބޯޓު ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިފްކޯ ފްލީޓަށް އިތުރު ކުރެވޭ ތިން ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު "ޖަޒީރާ 106" ތައިލޭންޑުން ރާއްޖެ އައުމަށް މި މަހުގެ 4 ވަނަ ދުވަހު ވަނީ ދަތުރު ފަށައިފަ އެވެ. މިފްކޯއިން ބުނީ އެ ބޯޓު މިމަހުގެ 19 ވާ އާދިއްތަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި "ޖަޒީރާ 104" އަދި "ޖަޒީރާ 105" މި އަހަރު ނިމުމުގެ ކުރިން ރާއްޖެ އަންނާނެ ކަމަށް މިފްކޯއިން ބުނެ އެވެ.
މިފްކޯގެ ފްލީޓަށް އިތުރު ކުރާ ޖަޒީރާ ސީރީޒްގެ މަސްކިރާ ބޯޓުތަކަކީ ދުވާލަކު 60 ޓަނު ބްރައިން ފްރީޒް ކުރެވޭ އަދި 200 ޓަނު މަސް ރައްކާކުރުމުގެ ޤާބިލްކަން ލިބިފައިވާ ބޯޓުތަކެއް ކަމަށް މިފްކޯއިން ބުނެ އެވެ. އަދި އަލަށް ގެންނަ ތިން ބޯޓު މިފްކޯގެ އޮޕަރޭޝަނާއި ގުޅުމުން މިފްކޯއަށް ދުވާލަކު އިތުރަށް 180 ޓަނުގެ މަސް ގަތުމުގެ ޤާބިލްކަން ލިބިގެންދާނެ ކަމަށް ވެސް މިފްކޯއިން ބުނެ އެވެ.
މަސްވެރިކަމުގެ މޫސުމުގައި އެންމެ ރަނގަޅަށް މަސްބާނާ ސަރަޙައްދަކަށް ދަތުރުކޮށް މަސްވެރިން ބާނާ މަސް ކިރުވުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން މިފްކޯ އިން މިއަހަރު ހަތަރު ބޯޓު ގަނެފައިވެ އެވެ. އެގޮތުން މި އަހަރުގެ މާޗް މަހު ރާއްޖެ ގެނައި ޖަޒީރާ 103 މިހާރު ރާއްޖޭގެ ދެކުނުގައި މަސްކިރުމުގެ މަސްކަތް ދަނީ ކުރަމުންނެއެވެ. އެބޯޓަކީ ދުވާލަކު 120 މެޓްރިކް ޓަނު މަސްގަނެ ފިނިކުރުމާއެކު ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ބޯޓެކެވެ. މިފްކޯއިން ބުނީ މި އަހަރުގެ ތެރޭގައި ކެރިއަރ ބޯޓުތަކާއެކު ޖުމްލަ ހަ ބޯޓު މިފްކޯ ފްލީޓަށް އިތުރު ކުރެވިފައިވާ ކަމަށެވެ.