ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ހޯދުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މަޖިލިހުގެ ފަރާތުން ތަމްސީލް ކުރައްވާނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ކަން އެނގިއްޖެ އެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 10:00 ގަ އެވެ.
ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރު އެޖެންޑާ ނުކޮށް، މަޖިލީހުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މަސައްކަތާއި މި އަހަރުގެ ބާކީ ބައިގައި ހަރަދުތައް ކުރުމަށް ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމުގެ މަސައްކަތް އެޖެންޑާ ކުރުމުން ބަންޑާރަ ނައިބު ވަނީ ނަޝީދުގެ ގަރާރު އޮއްވައި އިތުރު މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، އެކަމާ ދެކޮޅަށް ގާނޫނީ ލަފާ ދެއްވައިފަ އެވެ. އަދި، އެ ލަފާގެ މަތިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ދުވަހު މަޖިލީހަށް ވަޑައިވެސް ނުގަންނަވަ އެވެ.
ނަޝީދުގެ މައްސަލައިގައި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ އެމްޑީޕީންނެވެ.
މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރެއްވުމަށް އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވާ ހުށައަޅުއްވާފައިވާ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، ކޮންމެ ދުވަހެއްގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް އީވާ ސަލާމުގައި ހުންނަވާތީ މިޖަލްސާ ބޭއްވޭ ގޮތެއް ވަނީ ނުވެފަ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަގައި ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސް އެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކަންކުރަންވީ ގޮތެއް މަޖިލީހުގެ ގަވާއިދުގައި ހިމަނާފައެއް ނުވެ އެވެ.
އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓުގައި މައިގަނޑު އެދުނީ ދެ ކަމަކަށެވެ. ފުރަތަމަ ކަމަކީ މަޖިލިހުގެ ރައީސް މަގާމުން ދުރުކުރުމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް މަޖިލިހުގެ ނާއިބު ރައީސަށް ނާދެވިއްޖެ ހާލަތުގައި، މަޖިލިހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މަޖިލިހުގެ ޖަލްސާ ކުރިއަށް ގެންދެވޭކަމަށް ކަނޑައަޅައި ދިނުމަށެވެ.
މަޖިލީހުގެ 44 ވަނަ މާއްދާގެ ހ. ގައި އޮންނަނީ، މަޖިލިސް ރައީސާއި ނާއިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި، ރިޔާސަތު ބެލެހެއްޓުމަށް މަޖިލިހުގެ ފަސް މެމްބަރަކު ތިއްބަވަން ޖެހޭނެ ކަމަށެވެ. އަދި އެ މެމްބަރުންނަކީ މަޖިލިހުގައި ތިއްބެވި އެންމެ ދުވަސްވީ މެމްބަރުންނަށް ވާން ޖެހޭނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އެދިފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލިހުގެ އެހެން މަސައްކަތަކަށް ނުދެވޭކަމަށް ކަނޑައަޅައި ދިނުމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މި އަހަރުގެ ބާކީ ބައިގައި ހަރަދުތައް ކުރުމަށް ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ފޮނުވާފައި އޮތަސް، ބަޖެޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ދިރާސާކުރުމުގެ މަސައްކަތް ނުފެށި އޮތީ ނަޝީދު ވަކިކުރުމުގެ މައްސަލަ ހުއްޓިފައި އޮތުމުންނެވެ.