އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮންނަ ފޯޅަވަހި ނުވަތަ ޗާގޯސް އައިލެންޑްސްއަކީ އިނގިރޭސިންނަށް ބާރު ނުފޯރުވޭނެ ކަމަށާއި އަދި އެތަނުގައި އިނގިރޭސިންނަށް ތިބުމުގެ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށް އދ.ގެ ކޯޓަކުން ނިންމައިފި އެވެ.
ޔޫއެންގެ އިންޓަނޭޝަނަލް ލޯ ޓްރައިބިއުނަލް އޮފް ދަ ސީ (އައިޓީއެލްސީ)ގެ ފަނޑިޔާރުންގެ ޕެނަލުން ވަނީ އިނގިރޭސިވިލާތުން ޗާގޯސް އައިލެންޑްސްއަކީ އެ މީހުންގެ ތަނެއްކަމުގައި ދައްކާ ވާހަކަތަކަކީ އެއްވެސް ހުއްޖަތެއް ނެތް ވާހަކަތަކެއް ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި ޗާގޯސް އައިލެންޑްސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބޭއްވުމަށް އދ. އާންމު މަޖިލީހުގައި 2019 ޑިސެމްބަރުގައި ނެގި ވޯޓުން ފާސްކޮށް، މޮރިޝަޝްއާ ހަވާލުކުރުމަށް އެންގުނު އެންގުމަށް އިނގިރޭސިވިލާތުން އިހްތިރާމް ނުކޮށް، އަދިވެސް އެތަން ހަވާލުކޮށްފައި ނުވާތީ އެކަން ކުށްވެރިކޮށްފައިވެ އެވެ. އަދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަދި އާންމު މަޖިލީހުން ނެގި ވޯޓަކީ ސައްހަ ރޫލިންއެއް ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.
މޮރިޝަސްގެ ބޮޑުވަޒީރު ޕަރްވިންދު ޖުގަނުއަތު ވިދާޅުވީ އދ.ގެ އާންމު މަޖިލީހުން ނިންމި ނިންމުން ވަރަށް ސާފުކަމަށާއި، އެކަން ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި ޗާގޯސް އައިލެންޑްސްގެ ހަގީގީ މިލްކުވެރިންނަކީ މޮރިޝަސް ކަމަށް އޭނާ ވިދާޅުވި އެވެ.
އިނގިރޭސިވިލާތުން މީގެ ކުރިން ބުނެފައިވާގޮތުގައި ޗާގޯސް އައިލެންޑް މޮރިޝަސް އާއި ހަވާލުކުރާނީ އިނގިރޭސިވިލާތުން އެ ރަށްތަށް ބޭނުން ކުރާ އަސްކަރީ ބޭނުންތައް ނިމުމުންނެވެ.
އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ ސްޕޯކްސްޕާސަން ވިދާޅުވީ ޗާގޯސް އައިލެންޑްގެ މިލްކުވެރި ފަރާތަކީ އިނގިރޭސިންކަމާ މެދު އެއްވެސް ވަރަކަށް ޝައްކެއް ނެތް ކަމަށާއި، އެ ތަނަކީ އިނގިރޭސިންގެ ބާރުގެ ދަށުގައި 1814 ވަނަ އަހަރުން ފެށިގެން އޮންނަ ތަނެއް ކަމަށެވެ. އަދި އެ ތަނަކީ އެއްވެސް އިރަކު މޮރިޝަސްގެ ބާރުގެ ދަށުގައި އޮތް ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މިމައްސަލައިގައި މޮރިޝަސް ތަމްސީލްކުރާ ވަކީލް ޕިލިޕް ސޭންޑް ވިދާޅުވީ އިންޓަނޭޝަންލް ގާނޫނުތަކަށް އިނގިރޭސިން ކުޑަކޮށް ވެސް އިޙްތިރާމްކޮށް ގާނޫނު ނަގަހައްޓާނަމަ ވީ އެންމެ އަވަހަކަށް މިކަން އަންގާފައިވާ ގޮތަށް ކޮށް ނިންމުމަށް ގޮވާލާ ކަމަށެވެ.
އޭނާ ވިދާޅުވީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ލޯ އޮފް ސީގެ ފަނޑިޔާރުން އިނގިރޭސިވިލާތަށް ކުރި އަމުރަށް ތަބާނުވުމުން އަދަބުދޭން ޖެހޭނެ ކަމަށެވެ.
ދިވެހިރާއްޖެ އިން ވަނީ އައިޓީއެލްސީ ގެ ގަރާރު ތަންފީޒްކުރުމާއި ބެހޭ ގޮތުން އ.ދ ގެ އާންމު މަޖިލީހުގައި ނެގުނު ވޯޓުގައި އިނގިރޭސި ވިލާތާއި އެއްކޮޅަށް ވޯޓު ދީފަ އެވެ. މި ވޯޓުގައި އިނގިރޭސިވިލާތާއި އެއްކޮޅަށް ވޯޓްދީފައި ވަނީ ރާއްޖެ ހިމެނޭހެން ހަ ގައުމަކުންނެވެ.
ޗާގޯސް އައިލެންޑް މައްސަލައިގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މޮރިޝަސްއަކީ ރާއްޖެ އާއި ކޮންޓިނެންޓަލް ޝެލްފްގެ ބައެއް ހިމެނޭ ހިސާބުގައި އޮތް ގައުމެއް ކަމަށާއި އަދި މައްސަލަ ނިމޭ ގޮތަކުން ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފުން ބައެއް ދޫކޮށްލަން ޖެހިދާނެ ކަމަށެވެ. އެހެންކަމުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ބޭނުންވާ ކަމަށް ރާއްޖެއިން ވަނީ ބުނެފަ އެވެ.
އިނގިރޭސިންނާއި އެމެރިކާއާ ދެމެދު 1960 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ޗާގޯސް އައިލެންޑްސްގެ އެންމެ ބޮޑު ސަރަހައްދު ކަމަށްވާ ޑިއޭގޯ ގާސިއާގައި އަސްކަރީ ބޭހެއް ބިނާކުރުމަށް ހުއްދަދީފައިވެ އެވެ. އެކަމަށް މި ރަށްތަކުގައި އުޅުނު އެންމެން އެ ރަށްތަކުން ބާލާފައިވެ އެވެ.
ޗާގޯސް އައިލެންޑްސް އަކީ 1965 ވަނަ އަހަރު މޮރިޝަސް އަށް މިނިވަންކަން ލިބުނު އިރު އިނގިރޭސިވިލާތުން އެ ގައުމަށް އަނބުރާ ރައްދުނުކޮށް އޮތް ބައެކެވެ.
އިނގިރޭސި ވިލާތް އަދި އެމެރިކާއިން ބުނިގޮތުގައި ޗައިނާގެ ބާރު އިންޑިޔާ ކަނޑުގައި ގަދަވަމުންދާއިރު، ސަލާމަތީ ގޮތުން ބަލާއިރު މި ސަރަހައްދުގައި އިނގިރޭސިން އަދި އެމެރިކާ ތިބުމަކީ އެންމެ ފައިދާކުރާނެ ގޮތެވެ. އަދި މިކަމަކީ މުޅި ދުނިޔޭގެ ސަލާމަތާ ގުޅުން އޮތް ކަމެއް ކަމަށާއި ކުޑަކުޑަ ރަށްތަކެއްގެ މަދު ބައެއްގެ ބޭނުމަށް ވުރެ ސަލާމަތީ ސަބަބުތައް މާބޮޑު ކަމަށް އިނގިރޭސިން ދެކެ އެވެ.
ޗާގޯސް ރަށްތަކުން އިނގިރޭސިން ބޭލި މީހުން ވަނީ އިނގިރޭސި ކޯޓުތަކާއި އަދި އދގެ ކޯޓުތަކަށް އެ މައްސަލަ ހުށަހަޅާފަ އެވެ. އަދި އެ މީހުންގެ ރަށްތައް އެ މީހުންނަށް އަނބުރާ ރަށްދުކުރުމަށް ގޮވާލައި ވަނީ ބޮޑެތި ކެމްޕެއިންތަކެއް ކޮށްފަ އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ އިނގިރޭސިވިލާތަށް ޑީކޮލޮނައިޒޭޝަންގެ ޕްރޮސެސް (ކުރިން ވެރިވެގެން ތިބިތަންތަން ދޫކޮށްލަން) ފުރިހަމަކުރުމަށް ގޮވާލާފަ އެވެ.