އިޒްރޭލާއި ލުބުނާނު ގުޅޭ ބޯޑަރުގައި އިޒްރޭލްގެ ސިފައިންނާއި ލުބްނާނުގެ ހިޒުބުﷲ ގެ ދެމެދުގައި ހަމަލާތައް އިތުރު ވާން ފަށައިފި އެވެ.
ގާޒާގައި ހިނގަމުންދާ ހަނގުރާމަ، ސަރަހައްދަށް ފެތުރިދާނެ ކަމުގެ ބިރު ހީވެފައިވާއިރު، އެފަދަ ގޮތަކަށް ކަންތައް ނުދޭތޯ ބަލާނެ ކަމަށް ހިޒުބުﷲ އިން ބުނި ކަމަށް ވިއަސް ހަމަލާތައް އަންނަނީ އިތުރު ވަމުންނެވެ.
ހިޒުބުﷲ އިން ބުނިގޮތުގައި އެ ޖަމާއަތުން ވަނީ އިޒުރޭލުގެ މިލިޓަރީ ޕޯސްޓްތަކަކަށް އިއްޔެގެ ވަގުތެއްގައި ރޮކެޓުން ހަމަލާ ދީފަ އެވެ. އެ ހަމަލާގައި ކާމިޔާބު ކަމާއެކު އިޒްރޭލްގެ މިލިޓަރީ އާލާތްތަކެއް ނައްތާލެވިފައިވާ ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ. އޭގެ އިތުރުން އިޒްރޭލުން ފޮނުވި ޖާސޫސީ އެއާ ބެލޫނެއް ވެސް ކާމިޔާބުކަމާ އެކު ގޮއްވާފައިވާ ކަމަށް ހިޒުބުﷲ އިން ބުނެ އެވެ.
އިޒްރޭލުން ވެސް ވަނީ ލުބުނާނުގެ އަވަށްތަކަށް ބޮން އަޅައިފަ އެވެ. އިޒްރޭލުގެ ދިފާއީ އިދާރާއިން ބުނިގޮތުގައި މި ހަމަލާތަކުގައި ހިޒުބުﷲގެ ހަނގުރާމައިގެ ބައެއް މަރުކަޒުތައް ހަލާކު ކޮށްލެވުނެވެ.
ލުބުނާން ޓީވީ އިން ބުނި ގޮތުގައި އިޒްރޭލުގެ ބޯޑަރު ކައިރިން ބަޑީގެ އަޑު އިއްޔެ ވަރަށް ގަދަޔަށް އިވުނެވެ.
ހިޒުބުﷲ ގެ ލީޑަރު ސައްޔިދު ނަސްރުﷲ ވިދާޅުވެފައި ވަނީ އިޒްރޭލާ ކުރިމަތިލުމަށް ހިޒުބުﷲ އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. ހަނގުރާމަ އިތުރަށް ފުޅާނުވޭތޯ މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވަމުން ނަސްރުﷲ ވަނީ އިޒުރޭލާއި އެމެރިކާ އަށް އިންޒާރު ދެއްވާފަ އެވެ.
އޭނާގެ ވާހަކަފުޅުގައި އިޒްރޭލުގެ އުދުވާނު ހުއްޓާ ނުލައި ކުރިޔަށް ގެންދާ ނަމަ އިޒްރޭލަށް ފިލާވަޅެއް ދޭން ހިޒުބުﷲ އަށް ޖެހިދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.