މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއިން ބޭރަށް ނުކުންނެވުމުގެ ހުއްދަ ދިނީ ބޭސްފަރުވާގެ ކަންކަމަށް އެކަނި ކަމަށާއި އެމަނިކުފާނުގެ ހަރަކާތްތައް މޮނިޓާ ކުރާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނު ގެއަށް ބަދަލު ކުރީ މި މަހުގެ ކުރީކޮޅެވެ. އޭގެ ފަހުން، ކަރެކްޝަންސް އިން މިދިޔަ ހޮނިހިރު ދުވަހު ވަނީ އެ މަނިކުފާނުގެ ބަންދަށް އަނެއްކާ ވެސް ލުޔެއް ދީ، އެ އިދާރާއަށް އެންގުމަށްފަހު ސިއްހީ ކަންކަމުގައި ގެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދީފަ އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މެޑިކަލް ކަންކަމުގައި ޔާމީނަށް ގެއިން ބޭރަށް ނުކުމެވަޑައިގަނެވޭނީ ވެސް އެ އިދާރާއަށް އެންގުމަށްފަހު ކަމަށެވެ. އަދި ޔާމީން ގެއަށް ބަދަލު ކުރީ އިގުރާރެއްގައި ސޮއި ކުރުމަށް ފަހުގައި ކަމަށާއި އެއާ ހިލާފު ވާނަމަ، ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަނާ ކަންތައްތަކެއް ވެސް އިގުރާރުގައި ހިމަނާފައިވާނެ. ވީމަ، މި ސާވިސް އިން މި ގެންދަނީ ރައީސް ޔާމީންގެ އަމަލުތައް މޮނީޓާކުރަމުން. އިގުރާރާ ހިލާފުވާ ނަމަ ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވާފައި ވާނެ،" ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ޔާމީން ރޭގައި ވަނީ ޕީޕީއެމްގެ އޮފީހަށް ރޭ ވަޑައިގެން ޕާޓީގެ މެމްބަރުންނާ ބައްދަލު ކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ޔާމީން ވިދާޅުވީ އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަކަށް ވެސް ސޮއި ކުރަން ނުޖެހޭ ކަމަށާއި ރާޢްޖޭގައި އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީއަކީ ޕީޕީއެމް ކަމަށެވެ.
ޕާޓީގެ އަމާޒަކަށް ވާން ވާނީ ޒުވާން ޖީލަށް ޕާޓީގެ ސިޔާސަތު ކިޔައިދީ މި ފިކުރު ވިއްކުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.