ދިރާގުން ލޯންޗުކުރި އާ ޕްރޮމޯޝަންގައި ދިރާގު ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމަށް ރަނުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޓެސްލާއަކީ ދުނިޔޭގެ އެންމެ މަގުބޫލް އިލެކްޓްރިކް ކާރެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނު އެލަން މަސްކްގެ ޓެސްލާ ކުންފުނިން އުފައްދާ މި ބްރޭންޑްގެ ވަރަށް މަދު ކާރު ރާއްޖޭގައި ވެސް މިހާރު ގެންގުޅެ އެވެ.
ޓެސްލާ ކާރެއް ލިބޭ މި ޕްރޮމޯޝަން އިއުލާނުކޮށްފައި ވަނީ ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ޕްރެސް ކޮންފެރެންސެއްގަ އެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ޕޯސްޓްޕެއިޑް 450 އަދި ފައިބަ ބްރޯޑްބޭންޑް 30M އިން މަތީގެ ޕެކޭޖްއަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ދިރާގުގެ ޚިދުމަތް މިހާރު ބޭނުންކުރާ ކަސްޓަމަރުނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އަދި ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް އަންނަ ޖެނުއަރީ 31 ގެ ކުރިން ހުރިހާ ކަސްޓަމަރުން ވެސް ރެޖިސްޓަރީ ކުރަން ޖެހެ އެވެ.
އެ ޕްރެސް ކޮންފެރެންސްގައި ވާހަކަދައްކަވަމުން ދިރާގުގެ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ އެ ކުންފުނީގެ 35ވަނަ އަހަރު ފާހަގަކުރާ އިރު، މި ހާއްސަ ޕްރޮމޯޝަންއާއެކު ކަސްޓަމަރުންނަށް މިފަދަ ޒަމާނީ، އިލެކްޓްރިކް ކާރެއް ހޯދުމުގެ ފުރުސަތު ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މިފަދަ ކުލަގަދަ އަހަރެއް ފާހަގަކުރަމުން ދާއިރު އަޅުގަނޑުމެން ބޭނުންވީ ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ކަހަލަ އިނާމެއް ދިނުމަށް،" އޭނާ ވިދާޅުވި އެވެ.
މި އަގުހުރި އިނާމު ހޯދުމަށް ކަސްޓަމަރުންނަށް އިތުރު ފުރުސަތު މަގުފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ އަންނަ މަހުގެ 30 ގެ ކުރިން މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކަށް މި ޓެސްލާ ކާރު ހޯދުމުގެ ފުރުސަތު ދެގުނައަށް ބޮޑުވާނެ ކަމަށް އިއުލާންކޮށްފަ އެވެ.
ދިރާގުގެ 35 ވަނަ އަހަރު ފާހަގަކުރާއިރު އެކުންފުނިން އަންނަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ރައްޖޭގައި ކުރިއެރުމަށް އެފަރާތްތަކަށް މަގުފަހިކޮށްދެމުންނެވެ.