90ގެ އަހަރުތަކާއި ދެހާހުގެ ކުރީކޮޅު ބޮޑުވަމުން އައި ކުޑަކުދިންނަށް ސުޕަ މާރިއޯއާއި ސޮނިކްއޭ ބުނުމުން އެއީ ކޮން އެއްޗެއްކަން ނޭނގި ނުދާނެ އެވެ.
ސުޕަ މާރިއޯއާއި ސޮނިކް ދަ ހެޖްހޮގްއަކީ މިހާރުގެ ޒުވާނުން ބޮޑުވަމުން އައިއިރު އެންމެ ވައިގައި ހިފާފައިހުރި ދެ ވީޑިއޯ ގޭމެވެ. ދެ ކުންފުންޏަކުން އުފެއްދި އެ ދެ ގޭމުގެ މެދުގައި އޭރުވެސް ވާދަވެރިކަން ވަރަށް ބޮޑެވެ.
ވީޑިއޯ ގޭމްތައް ޓޫޑީ އިން ތްރީ ޑީއަށް ބަދަލުވެ މި ގޭމުތަކުގެ އޮއިވަރު ކޮންމެވެސް ވަރަކަށް ފަނޑުވި ނަމަވެސް އަބަދުވެސް އެ ގޭމުތަކަކީ ވީޑިއޯ ގޭމުތަކަށް އިންގިލާބެއް ގެނުވި ދެ ގޭމުގެ ގޮތުގައި ބެލެވެ އެވެ.
ދިގު 30 އަހަރަށްފަހު އަނެއްކާ ވެސް މިވަނީ މި ދެ ގޭމުގެ ވާދަވެރިކަން ބޮޑުވެފަ އެވެ. މާރިއޯގެ އެންމެ ފަހުގެ ވާޝަން ނެރުނު ހަފްތާގައި ސޮނިކްގެ އިތުރު ގޭޭމެއް ވެސް ނެރުމާއެކު ދެ ގޭމުގެ ކުރިމަތިލުމެއް ވަނީ ފެށިފަ އެވެ.
މިފަދަ ގޮތަަކަށް އެންމެ ފަހުން ދިމާވީ 1992 ވަނަ އަހަރު އެވެ. އެ އަހަރުވެސް އެއް ހަފްތާއެއްގެ ތެރޭގައި އެ ދެ ގޭމްގެ ވާޝަންއެއް ވަނީ ނެރެފަ އެވެ.
އަލަށް ނެރުނު ގޭމްތަކާއެކު ކުޑައިރުގެ ހަނދާންތައް އާވާ ކަމަށް އެ ގޭމް ކުޅުނު ޒުވާނުން ބުނަމުން އަންނައިރު އޭރުގެ ގޭމްތަކާއި މިފަހަރުގެ ގޭމްތަކާ މާ ބޮޑު ތަފާތެއް ނެތް ކަމަށް އެ މީހުން ބުނެ އެވެ.
އެގޮތުން ހަމައެކަނި ތަފާތަކަށް ފާހަގަ ކުރެވެނީ އެނިމޭޝަން ކޮލިޓީއާއި ޓެކްނޮލޮޖީގެ ގޮތުން ގެނެވިފައިވާ ބަދަލުތައް ކަމަށް އެ ޒުވާނުން ބުނެފައިވެ އެވެ.
ސުޕަ މާރިއޯއާއި ސޮނިިކްއަކީ ދިވެހި ކުޑަކުދިންގެ މެދުގައިވެސް އޭރު ވަރަށް މަގުބޫލުވި ގޭމްތަކެކެވެ. އެ ގޭމްތައް ނުކުޅޭ ކުއްޖަކު މަދުވާނެޔޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.