ދުނިޔެއަކީ ހައިރާން ކުރުވަނިވި އިއްތިފާގުތައް އަބަދުވެސް ހިނގާ ތަނެކެވެ. ތިމާގެ ދިރިއުޅުމުގައި ހިނގާފާނެ އަޖާއިބު ކުރުވަނިވި ކަންކަން ޚުދު ތިބާއަކަށް ވެސް ނޭނގޭނެ އެވެ.
އެފަދަ ހާދިސާއެއް ދިމާވި އެއް ބަޔަކީ ޗައިނާއަށް ނިސްބަތްވާ ދެމަފިރިއެކެވެ. ޒޫއާއި ޔޭ އަކީ 2011 ވަނަ އަހަރު ބައްދަލުވެ ކައިވެނިކުރި ދެމަފިރިންނެވެ.
އެހެން ނަމަވެސް އޭގެ މާ ކުރިން ވެސް އެ ދެމީހުން ގުޅުވައިދޭ ކަމެއް އޮތެވެ. ތަފާތަކީ އެއީ ކޮން ކަމެއްކަން އެމީހުންނަށް އެނގުނީ މީގެ މަދު އަހަރުތަކެއް ކުރިން ކަމެވެ.
2000 ވަނަ އަހަރު ޗައިނާގެ "މެއި ފޯތު ސްކްއާ" ކިޔުނު ބިނާ ހުރި ސަރަހައްދަށް ޒޫ ދިޔައީ އޭނާގެ ބަލި މަންމަ ގޮވައިގެން ހިތްއުފާ ކޮށްލުމަށެވެ. ހަމަ އެ ދުވަހު އެ ތަނުގައި ޔޭ ހުރީ އާއިލާއާއެކު ޗުއްޓީ ހޭދަ ކޮށްލުމަށް އައި ދަތުރެއްގަ އެވެ.
އެ ދުވަހު ޒޫ ނެގި ފޮޓޯއެއްގެ ފަހަތުގައި ފެންނަން ހުރި ބީރައްޓެއްސަކީ އޭގެ އެތައް އަހަރެއް ފަހުން މުޅިން އެހެން ރަށަކުން ބައްދަލުވާނެ އޭނާގެ ފިރިމީހާ ކަމެއް ޚުދު ޒޫއަކަށް ވެސް ނޭނގެ އެވެ.
އެކަން އެދެމަފިރިންނަށް އެނގުނީ މީގެ ހައެއްކަ އަހަރު ކުރިން ކުރީގެ ފޮޓޯތައް ހާވަން އުޅުމުގެ ތެރޭގައި ޔޭއަށް ޒޫގެ ފޮޓޯ ފާހަގަ ވުމުންނެވެ. ރަނގަޅަށް ބަލާލުމުން އެއީ ހަމަ އޭނާކަން ޔޭއަށް ޔަގީންވި އެވެ.
ޒޫ ބުނީ މިކަމުން ވެސް އެނގިގެންދަނީ އެ ދެމަފިރިންގެ ގުޅުމުގެ ވަރުގަދަކަން ކަމަށާއި ތަގުދީރުގައި އެ ދެމަފިރިން އެތައް އަހަރެއް ކުރިން ގުޅުވައިދީފައިވާ ކަމަށެވެ.