ޓްރެފިކް ގަވާއިދާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް މާފްކޮށްދިނުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހިންގާ ޕްރޮގްރާމްގައި މިހާތަނަށް 800 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް އެ މިނިސްޓްރީ ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޓްރެފް ގަވާއިދާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ލުޔެއް ދެއްވުމުގެ ގޮތުން، 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ޓްރެފިކާ ގުޅިގެން ކުރެވިފައިވާ ޖޫރިމަނާ މައާފުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އަންނަ މަހުގެ 25 ވަނަ ދުވަހާ ހަމައަށް މިނިސްޓްރީގެ ސިމްސް ޕޯޓަލް މެދުވެރިކޮށް އެކަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމުން މިހާތަނަށް 850 މީހުން ބައިވެރިވެފައިވާކަމަށް މިނިސްޓްރީން ބުނެ އެވެ. އެޕްރޮގްރަމް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
ޖޫރިމަނާ މައާފުކުރެވޭނީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭލުންތެރި ކުރުމަށް ފުލުހުން ހަދާފައިވާ 20 ގަޑިއިރުގެ ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަކުރުމުންނެވެ.
ޓްރެފިކް ގަވާއިދާ ހިލާފުވެގެން އަރާފައިވާ ހުރިހާ ޖޫރިމަނާާއެއް މާފްކޮށްދޭން ރާއީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސޯލިހު ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ނިންމަވައިފަ އެވެ. ރައީސް އެގޮތަށް ނިންމެނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ބޭއްވި އެމަނިކުފަނުގެ ކެމްޕެއިން ޖަލްސާގަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މާލޭގައި އެކަށީގެންވާ ވަރަށް ޕާކު ކުރާނެ ޖާގަނެތި، ސްޓިކާ ޖަހަމުން ދިޔުމުގެ ސަބަބުން ޖޫރިމަނާ އިތުރުވާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ރައީސަށް ލިބެމުންދާ ކަމަށެވެ. އަދި އެކަން އެގޮތަށް ހިނގަމުންދާކަށް ރައީސަށާއި، ސަރުކާރަށް ވެސް ގަބޫލުކުރެއްވޭތީ، ޖޫރިމަނާތައް މައާފްކޮށްދެއްވަން ނިންމެވީ ކަމަށް ވިދާޅުވި އެވެ.