ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގެ މަސައްކަތް އޮމާންކަމާ އެކީގައި ކުރިއަށްދާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އައްޔަންކޮށްފައިވާ ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އިންތިގާލީ އޮފީހެއް އުފެދި، އެ އޮފީހަށް އިންތިގާލީ ރައީސް ކަނޑައަޅުއްވާ ޑައިރެކްޓަރު ޖެނަރަލްގެ ދަށުން މަސައްކަތްތައް ފެށިގެން ކުރިއަށްދާ ކަމަށެވެ.

މި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކާއި މުއައްސަސާތަކުގެ ހާލަތު ދެނެގަތުމުގެ ގޮތުން 15 ކޮމިޓީއެއް އުފައްދައި ކޮންމެ ކޮމިޓީއެއްގައި 40 ބޭފުޅުން މަސައްކަތް ކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި މަސައްކަތުގައި 500 އެއްހާ މީހުން ބައިވެރިވަމުންދާ ކަމަށެވެ.

"މިހާތަނަށް އައިއިރު އަޅުގަނޑުމެންނަށް ގާތްގަނޑަކަށް ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށް ވާނީ ސިޓީ ފޮނުވިފައި. އޭގެ ތެރެއިން ވަރަށް ގިނަ މުއައްސަސާތަކުން ޖަވާބު ލިބި، އެ މުއައްސަސާތަކަށް ޓީމުތައް އެބަ ޒިޔާރަތް ކުރޭ." އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު ޖުމްލަ ގޮތެއްގައި ބުނެލަން ބޭނުން ވަނީ ސްމޫތުކޮށް ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގެ މަސައްކަތް ހިނގަމުންދޭ. އަޅުގަނޑުމެން ޒިޔާރަތް ކުރި ހުރިހާ އޮފީހަކުން ކަހަލަ ގޮތަކަށް ފުދޭ ވަރަކަށް އެއްބާރުލުން އެބަ ލިބޭ،"

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ތަންތަނުން ސާފު ކުރަމުން ދަނީ މައިގަނޑު ގޮތުން އިދާރީ ހިންގުން ހުރި ގޮތެވެ. އަދި ސިޔާސީ ގޮތުން އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އިސްކޮށް ތިއްބެވި ބޭފުޅުންގެ މައުލޫމާތު ވެސް ނަގަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެއިތުރުން ތަނުގެ މާލީ ހާލަތު ހުރި ގޮތާއި ހިންގަމުންދާ މަޝްރޫއުތަކުގެ މައުލޫމާތު ވެސް ސާފު ކުރަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އަންނަ އާދިއްތަ ދުވަސް އަންނަންވާ އިރަށް މަސައްކަތުގެ ބޮޑު ބައެއް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.