ސަރުކާރު ބަދަލުވަމުންދާ އިންތިގާލީ މަރުހަލާގައި މި ސަރުކާރުން އެކި ގައުމުތަކަށް ސަފީރުން އައްޔަންކުރާތީ އެކަން އެގޮތަށް ނުކުރުމަށް އިންތިގާލީ ރައީސްގެ އޮފީހުން ގޮވާލައިފި އެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް މިހާރު އޮތީ މަހެއްހާ ދުވަހެވެ. އާ ސަރުކާރު ބަދަލުވުމަށް މިހާރު ހިނގާ އިންތިގާލީ މަރުހަލާގައި ވެސް މި ސަރުކާރުން ބައެއް މީހުންނަށް ވަޒީފާ ދިނުމާއި އެކި ގައުމުތަކަށް ސަފީރުން އައްޔަން ކުރަމުން އަންނާތީ އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ސަރުކާރު ބަދަލުވާން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އެކި ގައުމުތަކަށް ސަފީރުން އައްޔަން ކުރުމަށް ކުރާ މަސައްކަތާ މެދު އެ އޮފީހުން ކަންބޮޑުވާ ކަމަށާއި އެކަން ނުކުރުމަށް މި ސަރުކާރަށް ގޮވާލާ ކަމަށެވެ.
ފިރުޒުލް ވިދާޅުވީ ސަރުކާރު ބަދަލުވުމަށް މިހާ ކުރު މުއްދަތެއް އޮއްވައި އެފަދަ މަސައްކަތްތައް ކުރުމުގެ ސަބަބުން އާ ސަރުކާރުން ކުރަން ޖެހޭ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވެގެންދާނެ ކަމަށެވެ.
ދެ ގައުމަކަށް ސަފީރުން އައްޔަން ކުރުމުގެ މަސައްކަތް މަޖިލީހުން މިއަދު ވަނީ ފަށައިފަ އެވެ. އެއީ ބަންގަލަދޭޝް އާއި ޔޫއޭއީގެ ސަފީރަކަށް ކަނޑައަޅަން ފޮނުވި ދެ ބޭފުޅުންގެ މައްސަލަ އެވެ.
ބަންގަލަދޭޝްގެ ސަފީރަކަށް ހަމަޖައްސަން ރައީސް ސޯލިހް ފޮނުއްވެވީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދުގެ ނަމެވެ. ޔޫއޭއީގެ ސަފީރަކަށް ހަަމަޖެއްސުމަށް ފޮނުއްވީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މިދުފާ ނައީމްގެ ނަމެވެ.