ރައްޔިތުންގެ މަޖިލީހުގައި އޮންނަ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީތައް އެމްޑީޕީން ދޫކޮށްލަން ނިންމާފައި އޮތް އޮތުން އަނބުރާ ގެނެސް އެ ކޮމެޓީތަކުގެ މުގައްރިރުކަން އެމްޑީޕީއަށް ދިނުމަށް ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާ ނުލެވި މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ދެ މަހަށްވުރެ ގިނަ ދުވަސް ވަނީވެފަ އެވެ. މަޖިލިސް ހުއްޓިފައި އޭރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި އޮތުމުންނެވެ. އެހެން ނަމަވެސް ފަހުން އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ނަގާފަ އެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދާންފެށީ އެ މައްސަލަ އެމްޑީޕީން އަނބުރާ ގެންދިއުމުންނެވެ. އަދި މަޖިލީހުގެ ކޮމެޓީތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް އެމްޑީޕީން ވެސް ވަނީ ދޫދީފަ އެވެ.
ސަރުކާރު ޒިންމާދާރުކުރާ ކޮމިޓީތަކުގެ މުގައްރިރުކަން ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުންނަށް ނުދިނުމަށް އިސްލާހު ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އެ އިސްލާހު ފާސްކުރީ 19 ވޯޓުންނެވެ. ދެކޮޅަށް ނުވަ މެންބަރުން ވޯޓު ދެއްވި އެވެ. އެގޮތަށް ނިންމާފައިވީ ނަމަވެސް އެއީ އަމަލު ކުރުން ލާޒިމު ކަމެއް ނޫން ކަމަށް އެމްޑީޕީން ބަލައި، މާލިއްޔަތު ކޮމިޓީ އާއި ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރުކަން އެ ޕާޓީއަށް ދޭން މިއަދު ވަނީ ފާސްކޮށްފަ އެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ކުރިން ވެސް އެ ކޮމިޓީގެ މުގައްރިރުގެ މަގާމުގައި އިންނެވި ކިނބިދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނާޝިޒު އަށް އެ މަގާމު ދިނުމަށެވެ.
ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބަައްދަލުވުމުގައި ނިންމާފައި ވަނީ އެ ކޮމިޓީގެ މުގައްރިރަކަށް ކުރިން އެ މަގާމުގައި އިންނެވި މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ފަލާހު ހަމަޖެއްސުމަށެވެ. އަދި ނައިބު މުގައްރިރަކަށް މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން އެވެ.
މަޖިލީހުގެ 241 ކޮމެޓީ އަށް މުގައްރިރުގެ ގޮތުގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަދި ނައިބު މުގައްރިރަކަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ވަނީ ހަމަޖައްސާފަ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރަކަށް ހަމަޖެއްސެވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ. އަދި ނައިބު މުގައްރިރަކަށް ހަމަޖެއްސެވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް އެވެ.