ރައްޔިތުންނަށް ފުރިހަމަ އަށް މައުލޫމާތު ފޯރުކޮށްދީފައި މެނުވީ ރާއްޖޭގައި އޮންނަ ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް ވޯޓަކަށް އަހަން ފެނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އޮތީ މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް މަޖިލިހުން ފާސް ކުރި ގަރާރާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފޮނުވާފައިވާ ސިޓީއާ ގުޅޭ ގޮތުން ބަހުސް ކުރުމެވެ. އީވާ ވިދާޅުވީ އެ ވޯޓު ނަގަން ދެ ހަފްތާއެއްހާ ދުވަހަށްވެފައިވާ އިރު، އެއީ ވޯޓެއް ނެގުމަށް އެކަށީގެންވާ މުއްދަތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"ރައްޔިތުންނަށް އެންމެ ފުރިހަމަ އަށް ނިޒާމާ ބެހޭ ގޮތުން، ބަރުލަމާނީ ނިޒާމާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްފައި މެނުވީ އަޅުގަނޑުމެން ނުވާނެ ހެން އަޅުގަނޑަށް ހީވަނީ ވޯޓަށް އަހާކަށް،" އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބެއް ނިމިގެން އަދި މިވީ ދެ ތިން ދުވަހެވެ. ނިޒާމާ ބެހޭ ގޮތުން މަޝްވަރާ ކުރުމާއި ނިޒާމާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށް ދިނުމުގެ އެއްވެސް މަސައްކަތެއް މީޑިއާ އާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް އަދި ސިޔާސީ ޕާޓީއަކަށް ވެސް ކުރެއްވިފައި ނުވާ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވި ހެން، ކުރަންވީ ކަމަކީ ރައްޔިތުންނާ ހިސާބަށް މި މައުލޫމާތު ފޯރުކޮށް ދިނުން ކަމަށް އީވާ ވިދާޅުވި އެވެ. އަދި މިކަމުގައި ސިޔާސީ ޕާޓީތަކުން ވެސް މަޝްވަރާ ކުރަން ޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ.