އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މާލޭ ސިޓީ ކައުންސިލުން މަރުހަބާ ދަންނަވައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލޭ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން މާލޭ ސިޓީއަށާއި މާލޭ ސިޓީއަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި އަދި ރާއްޖޭގެ އެހެން ބައެއް ރަށްރަށަށްވެސް ހިދުމަތްކުރައްވަމުން ގެންދަވަމުން، ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އިންތިހާބް ކާމިޔާބުކުރެއްވި ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކާމިޔާބީ ފާހަގަކޮށް މާލޭ ސިޓީ ކައުންސިލްގެ ނަމުގައި ވަރަށް އިހްލާސްތެރިކަމާއެކު މަރުހަބާ ދަންނަވާ ކަމަށެވެ.

މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނަވައިގެން ފާއިތުވި ދެ އަހަރު ދުވަހު މާލޭ ސިޓީއަށް ހިދުމަތްކުރެއްވުމުގައި ނުހަނު ބުރަކޮށް މަސައްކަތް ކުރައްވައި ސިޓީ ކައުންސިލްގެ ހިންގުން ރަނގަޅުކުރައްވައި ހަރުދަނާކުރައްވައި، ހިދުމަތްތައް ފުޅާކުރައްވައި ޒަމާނީ ހަލުވި ހިދުމަތްތަށް ތައާރަފްކުރެއްވިކަން ސިޓީ ކައުންސިލުން ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ލާމަރުކަޒީ ގާނޫނުން ލާޒިމްކުރާ ކަންކަން އޭގެ ފުރިހަމަ މަޚްފޫމްގައި ތަރުތީބުން ކުރައްވައި ކައުންސިލްގެ އާމްދަނީ އިތުރުކުރައްވައި، ރައްޔިތުންގެ އަޑުއައްސަވައި މަޝްވަރާކުރައްވައި ރައްޔިތުން ގާތަށްވަޑައިގެން ހާލުބައްލަވައި މަޝްވަރާ ބައްދަލުވުންތައް ބޭއްވިކަން ވެސް މާލެ ސިޓީ ކައުންސިލުން ބުނެ އެވެ.

ސިޓީ ކައުންސިލުން ބުނީ އެކައުންސިލުގެ ޓީމް ގޮވައިގެން އިންތިހާބީ ރައީސް ޑރ. މުއިއްޒު މަސައްކަތް ކުރެއްވި ދުވަސްތަކަކީ މުވައްޒަފުންނަށް އުފާވެރިކަން ގެނެސްދިން، މުވައްޒަފުންގެ އަގުވަޒަންކޮށް މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތް ކުރެއްވި އަދި މަސައްކަތްކުރުމަށް މަގުފަހިކޮށްދެއްވި ދުވަސްތަކެއް ކަމަށެވެ.

"މަނިކުފާނަކީ ޝައުގުވެރިކަމާ މުރާލިކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރެއްވުމުގައި ދެމިހުންނަވާ ބޭފުޅަކަށްވީހިނދު މިއަދު ސިޓީ ކައުންސިލް ދޫކުރައްވައި ތިޔަ ވަޑައިގަންނަވަނީ އެއަށްވުރެ މަތިވެރި އަމާނަތާ ޙަވާލުވެވަޑައިގެން އެއަށްވުރެ މަތިވެރި ޚިދުމަތްތަކެއް ޤައުމަށް ކުރެއްވުމަށްކަމުގައިހެޔޮހިތުން ޤަބޫލުކުރާހިނދު މަނިކުފާނުގެ ހިދުމަތުގެތެރޭގައި މި ސިޓީވެސް ހިމެނިގެންދާކަމީ ލިބޭ ޝަރަފެއްކަމުގައި ދަންނަވަމެވެ." މާލެ ސިޓީ ކައުންސިލު ބަޔާނުގައި ވަނީ ބުނެފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި %53.78 އާއެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި މާލޭގެ މޭޔަރު މުއިއްޒެވެ.