މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިން ބުނެދެނީ ރައީސް ސޯލިހުގެ ސަރުކާރުން ކުރި ކަންތައް ރައްޔިތުން ގަބޫލު ނުކުރާކަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް މުއިއްޒު ވަނީ ކުރި ހޯއްދަވައިފަ އެވެ.
ރިޔާސީ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން އަންނަނީ އެ ޕާޓީގެ އޮފީސް ދޮށަށް އެއްވެ އުފާ ފާޅުކުރަމުންނެވެ.
އެ ސަރަހައްދުގައި ހުންނަވައިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. ޖަމީލް ވިދާޅުވީ ދިވެހި ރައްޔިތުން ނިންމާފައިވަނީ ރައީސް ޔާމީން މިހާރުން މިހާރުން ދޫކޮށްލުމަށް ކަމަށެވެ. ޖަމީލް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިން ބުނެދެނީ މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކުރުން ކަމަށެވެ. ރައްޔިތުންގެ ނިންމުމާ އެއްގޮތަށް 24 ގަޑިއިރުގެ ތެރޭގަިއ ރައީސް ޔާމީން މިނިވަން ކުރުމަށް ޖަމީލް ވަނީ ގޮވާލައްވައިފަ އެވެ .
"އިންތިހާބުގެ ނަތީޖާ އިން ރައްޔިތުންގެ ބަސް ވަރަށް ސާފު. ނަތީޖާ އިން ފެންނަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކާއި ހުކުމްތައް ވެސް ރަނގަޅު ނޫންކަން،" ޖަމީލް ވިދާޅުވި އެވެ.
މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވުމާ އެކު ޕީޕީއެމް-ޕީއެންސީ ސަޕޯޓަރުން ގެންދަނީ އުފާފާޅުކޮށް، ޔާމީން ދޫކޮށްލުމަށް ގޮވާލައި ޕާޓީގެ އޮފީސް ދޮރުމަތީގައި އަޑު އުފުލަމުންނެވެ.
ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު މުއިއްޒު ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީން މިނިވަން ކުރަން މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގެންފައިވަނީ 126,265 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް, ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙަށް ލިބިވަޑައިގެންފައިވަނީ 105,158 ވޯޓެވެ.