މިއަދު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށުމަށް ކުޑައިރުކޮޅަކަށްވެފައިވާއިރު ވޯޓްފޮށިތައް ކައިރިގައި ކިޔުހަދައިފި އެވެ
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ން ފެށިގެން މިއަދު ހަވީރު 17:00 އާ ހަމައަށް ކުރިއަށްދާނެ އެވެ. ވޯޓު ފޮށީގެ ކިޔޫގައި މީހަކު ނެތް ނަމަ 17:00 ގައި ފޮށި ބަންދުކުރުމަށް ފަހު، 30 މިނެޓު ފަހުން ވޯޓު ގުނަން ފަށާނެ އެވެ.
މާލެ ސަރަހައްދުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ސާމާނު މިހާރު ގެންގޮސް ނިމިފައިވާއިރު އެސަރަހައްދުތަކުގައި ވޯޓުލުމަށްޓަކައި ގިނަ ބަޔަކު އަންނަނީ ކިޔުއަށް އަރަމުންނެވެ.
ދެވަނަ ބުރުގައި 586 ވޯޓްފޮށި ބަހައްޓާ އިރު، ވޯޓު ލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެ އެވެ. އެއީ، 138،394 އަންހެނުންނާއި 144،410 ފިރިހެނުންނެވެ. މިފަހަރު ލިސްޓަށް ވަނީ ފުރަތަމަ ބުރުގެ އަދަދަށް ވުރެ 408 މީހުން އިތުރު ވެފަ އެވެ.
ބޭރު ގައުމުތަކުގައި ބަހައްޓާފައިވާ ފޮށިތަކުގައި ވޯޓުލުން ފަށާ ގަޑިތައް:
- އިންޑިޔާގެ ޓްރިވެންޑްރަމް - ހެނދުނު 8:30
- ސްރީލަންކާގެ ކޮލަމްބޯ - ހެނދުނު 8:30
- މެލޭޝިޔާގެ ކުއަލަލަމްޕޫރު - ހެނދުނު 11:00
- އިނގިރޭސިވިލާތުގެ ލަންޑަން - ހެނދުނު 8:30
- ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫދާބީ - ހެނދުނު 8:00
ވޯޓުލާންޖެހޭ މަރުކަޒު ނޭނގޭ ނަމަ، ވީއާރު ޖެހުމަށް ފަހު އައިޑީ ކާޑު ނަންބަރު ލިޔެ، 1414 އަށް މެސެޖުކޮށްލާ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވެ.