އެމްޓީސީސީން ދެމުން އަންނަ އާރްޓީއެލް ބަހުގެ ހިދުމަތް ކުޅުދުއްފުށީގައި ރަސްމީކޮށް ފަށައިފި އެވެ.
އާރްޓީއެލް ބަހުގެ ހިދުމަތް ރާއްޖޭގެ އުތުރުން ކުޅުދުއްފުށި ސިޓީގައި ފައްޓަވައިދެއްވީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެވެ.
އެމްޓީސީސީން ބުނި ގޮތުގައި ކުޅުދުްފުށި ސިޓީގައި ފުރަތަމަ ބަސް ދަތުރުކުރާނީ ހިލޭ ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުން ބަހުގެ ރޫޓުތަކަށް އަހުލުވެރިވުމުން ބަހުގައި ދަތުރު ކުރެވޭނީ އާރްޓީއެލް ވެބްސައިޓު ނުވަތަ އެޕުން ކިއުއާރް ޓިކެޓް ގަނެގެންނެވެ. ހުރިހާ ބަސް ރޫޓެއް ވެސް އެޕްލިކޭޝަން އަދި އޮންލައިކޮށް ބަލާލެވޭނެ އެވެ.
އާރްޓީއެލްއަކީ ދަތުރުފަތުރުގެ ނިޒާމު ކުޅުދުއްފުށި ސިޓީގައި ރަސްމީކޮށް ފެށިއިރު، އުތުރުން ހއ. ދިއްދޫގައި އަދި ލ އަތޮޅުގައި ހިދުމަތް ދެ އެވެ. މީގެ އިތުރުން މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ހިދުމަތް ދެ އެވެ. ނަމަވެސް ގިނަ ރަށްރަށުން އާރުޓީއެލް ބަހުގެ ހިދުމަތަށް މާބޮޑު ތަރުހީބެއް ނުލިބެ އެވެ.
އާރްޓީއެލް ނިޒާމަކީ މުޅި ރާއްޖޭ ދަތުރުފަތުރުގެ ވިއުގާއަކުން ގުޅާލުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަޝްރޫއުއެކެވެ.