ފުވައްމުލަގައި 500 ހައުސިން ޔުނިޓްގެ ހައުސިން މަޝްރޫއެއް ހިންގައި، އަތްފޯރާ ފަށުގައި ލިބޭ ގޮތް ހަމަޖައްސައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ބޮޑު ތާއީދެއް އޮންނަ ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވަނީ އަބުރުވެރި، ފުދުންތެރި ރައްޔިތެއްގެ ގޮތުގައި ދިރިއުޅެން ކަމަށެވެ. އެކަން ކުރެވެން އަންނަނީ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކުރެވިގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ.މުއިއްޒު ވިދާޅުވީ ހުރިހާ ރައްޔިތުންނަށް 5 އަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށާ ވަޒީފާގެ ފުރުސަތު ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ފުވައްމުލަކުގައި ގެދޮރުވެރިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދާނެކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ 500 ހައުސިން ޔުނިޓްގެ ހައުސިންގ މަޝްރޫއެއް ހިންގައި އަތްފޯރާ ފަށުގައި ލިބޭ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ހައުސިން ލޯނުތައް ފަސޭހައިން ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ސޯޝަލް ހައުސިން އަގު ބޮޑުވުމަކީ މިހާރު ދިމާވެފައިވާ މައްސަލައެއް ކަަމަށާއި އެ ކަމަށް ހައްލު ހޯދައި އަގު ކުޑަކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ފުވައްމުލަކުގައި މި ސިޓީގައި ޓުއަރިޒަމް ގެ ފުރުޞަތުތައް ފަހިކޮށް ފުޅާކޮށްދޭނެ ކަމަށާ އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލާ އިންޓަރގްރޭޓެޑް އިކޯޓޫރިޒަމްގެ އެކިކަހަލަ މަޝްރޫއުތައް ހިންގުމަށްޓަކައި މަގުފަހިކޮށްދިނުމުގެ އިތުރަށް ގިނަ މަޝްރޫއުތައް ހިންގާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"މި ސިޓީގެ ހޮސްޕިޓަލަކީ އެމްއާރުއައިގެ އިތުރުން ސީޓީ ފަދަ ޚިދުމަތްތައް ލިބޭ ތަނަކަށް ހަދާނަން. ޑީކޮމްޕްރެޝަން ޗެމްބަރެއް ޤާއިމްކޮށްދޭނަން. ރައްޔިތުންނަށްވާ ވަޢުދުތައް ފުއްދައިދޭނަން. ނަތީޖާ ނެރެދޭނަން. ރާއްޖޭގެ އިގްތިސޯދު ނަގާ ކޮޅަށް ޖެހުމަށްޓަކައި ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރުވަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ އަދި ކޮންސްޓްރަކްޝަންގެ ދާއިރާ ކުރިއެރުވުމަށް އިގްތިސާދީ ސިޔާސަތުގައި ހާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށެވެ. އަލަށް މަސައްކަތްފަށާ ޒުވާނުންނަށް ކްރިއޭޓާ އިކޮނޮމީއެއް ގާއިމްކޮށްދީ އިންޓަނޭޝަނަލް މާކެޓްގައި އާމްދަނީ ހޯދޭނެ ޕްލެޓްފޯމްތައް ހުޅުވާލަދީ ހުރިތަނެއްގައި ހުރެ ނަފާ ލިބޭނެ ގޮތް ހޯދައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.