ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއާ ގުޅިގެން ދައްކަމުން ގެންދާ ޒާތީ ވާހަކަތަކަށް މުއިއްޒު މިރޭ ރައްދު ދެއްވައިފި އެވެ.

ބައެއް ފަރާތްތަކުން ގެންދަނީ މުއިއްޒުއާ ގުޅޭ ގޮތުން އެކި ތުހުމަތުތައް ކުރަމުންނެވެ. އެ ވާހަކަތަކާ ގުޅިގެން މިރޭ ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ ރައްދު ދެއްވައިފަ އެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެ ރަށްތަކުގެ ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުން ވަޒީފާ އިން ނުކުރާނެ ކަމަށް ބުނުމުން އެ ވާހަކަތައް އެކި ގޮތްގޮތަށް ސަރުކާރަށް ނިސްބަތްވާ ބަޔަކު ދައްކަމުން ގެންދާ ކަމަށެވެ. އެހެން ނަމަވެސް އެ ވާހަކަތައް ރައްޔިތުން އަޑު ނޭހުމުން ދައްކާނެ އިތުރު ވާހަކައެއް ނެތުމުން މިހާރު ޒާތީ ގޮތުން އެމަނިކުފަނާ ދިމާކުރަން ފަށާފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެކަންކަމާށް ދޭނެ ރައްދެއް ވެސް ނެތް ކަމަށާއި މާބޮޑު ފަރުވާލެއް އެކަންކަމަކަށް ނެތް ކަމަށެވެ. އަދި ފަލީހަތް ވާނީ އެ ވާހަކަތަކެއް ދައްކާ ބަޔަކު ކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ ކަނބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށާއި ކުރިން ވެސް ވިދާޅުވި ފަދައިން ޖަވާބުދާރީ ނުވެވޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.

މުއިއްޒުގެ ކެމްޕެއިނަށް މިރޭ ފުވައްމުލަކަށްކުރެއްވި ދަތުރުގެ ތެރެއިން: ފޮޓޯ: ޕީޕީއެމް

މުއިއްޒު ވިދާޅުވީ ދުވަހަކު ވެސް މީހަކަށް އަނިޔާވެރިވެފައި ނުވާނެ ކަމަށާއި މީހެއްގެ ހައްގަކަށް އަރައިގަނެފައި ނުވާނެ ކަމަށެވެ. އަދި އޭނާގެ ފަރާތުން އެއްވެސް މީހަކަށް ދެރައެއް ދީފައި ނުވާނެ ކަމަށް މުއިއްޒު ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަޅުގަނޑަކީ ދުވަހަކު ވެސް ގާނޫނާ ގަވާއިދާ ހިލާފަށް ކަމެއް ކުރި މީހެއް ނޫން އެއްވެސް މީހެއްގެ ހައްގަކަށް ދުވަހަކު ވެސް އަރައިގަތް މީހެއް ނޫން. އަޅުގަނޑު ގަބޫލުކުރާ ހަމައަކީ މީހެއްގެ ހައްގަކަށް އަރައިނުގަނެ އެކަމުގެ ޔަގީންކަމާއެކީގައި ނިދާލެވުން. އަޅުގަނޑު ނޯންނާނެ އެއްވެސް މީހަކަށް އަޅުގަނޑުގެ ފަރާތުން ދެރައެއް ދީފައި. އެއްވެސް މީހަކަށް އަނިޔާއެއް ދީފައެއް. އެއްވެސް މީހެއްގެ ހައްގަކަށް އަރައިގެންފައެއް،" މުއިއްޒު ވިދާޅުވި އެވެ.

އެފަދަ މައްސަލައެއް އޮތް ނަމަ އަވަހަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން ބެލުމަށް މުއިއްޒު ގޮވާލެއްވި އެވެ. އެފަދަ މައްސަލައެއް އޮތް ނަމަ ސިޔާސީ ނުފޫޒުން އެއްކިބާވެ އޮވެ އަދުލުވެރިކަމާ އެކު ބެލުމަށް މުއިއްޒު ގޮވާލެއްވި އެވެ.

މުއިއްޒު މިހެން ވިދާޅުވެފައިވާ އިރު މުއިއްޒުގެ ވަރަށް ޒާތީ ކަންކަމުގެ ވާހަކަ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެގޮތުން މުއިއްޒުގެ ދޮން މަންމަ އާއި ގުޅޭ ގޮތުންނާއި ކުރީގެ ސަރުކާރުތަކުގައި މުއިއްޒު ކޮށްފައިވާ ކަންތައްތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.