އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސްގެ ނަމުގައި ވަކި ކުންފުންޏެއް އުފައްދައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް ނަމުގައި އުފެއްދި ކުންފުންޏަކީ އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފައިވަނީ އެއާ ޓްރެފިކް ކޮންޓްރޯލަރު މުހައްމަދު އަތުހަރު އެވެ.
ރާއްޖޭގެ ވައިގެ ސަރަޙައްދުގައި ކުރާ ދަތުރުތައް މިހާތަނަށް ބަލައި ދިރާސާކޮށް ރެގިއުލޭޓްކުރަމުން ދިޔައީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ އެއަ ޓްރެފިކް މެނޭޖްމަންޓްގެ ޔުނިޓްގެ ދަށުން އެއަ ޓްރެފިކް ކޮންޓްރޯލް ޓަވަރު އަދި ކޮންޓްރޯލް ސެންޓަރުންނެވެ.
ނޭޝަނަލް އެއާ ޓްރެފިކް ސާވިސް އުފެއްދުމާ އެކު މި މަސައްކަތްތައް ކުރާނީ މި ކުންފުނީގެ ދަށުންނެވެ. އަދި ވީއައިއޭގެ އެއަ ޓްރެފިކް ޓަވަރާއި އެއަ ޓްރެފިކް ކޮންޓްރޯލް ސެންޓަރު ސަރުކާރުން މިހާރު ވަނީ އެ ކުންފުނީގެ ދަށަށް ބަދަލުކޮށްފަ އެވެ.
އެމްއޭސީއެލް އިން ބުނީ އެއާ ޓްރެފިކްއަށް ވަކިން ހައްސަ ކުންފުންޏެއް އުފެއްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ހިދުމަތް ދިނުމަށް ކަމަށެވެ. ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އަންނަމުންދާ ކުރިއެރުންތަކާ އެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ މޫވްމެންޓު ވެސް އަންނަނީ އިތުރުވަމުންނެވެ.