ނެދަލޭންޑްސްގެ ދަ ހޭގްގައި ހުރި އިސްލާމީ ބައެއް ގައުމުތަކުގެ އެމްބަސީ ކުރިމަތީގައި ކީރިތި ޤުރުއާން ވީދުމުން އެކަން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ނެދަލޭންޑްސްގައި ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތުމުގެ އަމަލުތައް ހިންގަމުން ގެންދަނީ މުސްލިމުންނާ ދެކޮޅު ޕީއީޖީއައިޑީއޭ ނަމަކަށް ކިޔާ ގްރޫޕެއްގެ ލީޑަރެކެވެ. އޭނާ ވަނީ މިދިޔަ ހޮނިހިރު ދުވަހު ތުރުކީއާއި ޕާކިސްތާނާއި ޑެންމާކް އެމްބަސީގެ ކުރިމަތީގަ ޤުރުއާނަށް އިހާނެތިކޮށް ހިތާފަ އެވެ.
މިކަން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ދަ ހޭގްގައި ހުރި އިސްލާމީ އެތައް އެމްބަސީއެއްގެ ކުރިމަތީގައި ޤުރުއާނުގެ ހުރުމަތްކަނޑާ، ކޮޕީތައް ވީދި ވީދުން ދިވެހި ސަރުކާރުން ހަރުކަށިކޮށް ކުށްވެރުކުރާކަމަށެވެ. އަދި އާއްމު ތަންތަނުގައި ތަކުރާރުކޮށް ކީރިތި ޤުރުއާނަށް އިހާނެތިކޮށް ކަންތައްކުރި ކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމަށް ބުނެ އޮޅުވާލައިގެން ހިންގާ އަމަލުތަކެއްކަމަށާއި، މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.
މި ބަޔާނުގައި ވަނީ ދުނިޔޭގެ އެކި ތަންތަނުގައި މުސްލިމުންނާމެދު ނަފުރަތު އުފައްދައި ހަމަނުޖެހުން ހިންގުމުގެ އަމަލުތައް އިތުރުވަމުން ދިއުމަކީ ދިވެހި ސަރުކާރުން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަން ފާހަގަކުރައްވާފަ އެވެ. އަދި ދީނީ ގޮތުން ރުޅިވެރިކަން އުފެއްދުމަށް ގޮވައިލުމާއި ބޭއިންސާފާއި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުން ހުއްޓުވަން ގާނޫނުތައް ހަދައި ސިޔާސަތުތައް ކަނޑައަޅައި ގާނޫނު ތަންފީޒުކުރާނެ އުސޫލުތައް އެކުލަވައިލަން ޖެހޭކަމަށްވެސް ރާއްޖޭގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.