އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވައްކަން ކުރެވިދާނެ ކަމަށް ވާދަވެރިން ހީނުކުރުމަށް ޕީޕީއެމް/ޕީއެންސީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުގައި ލ. ގަމަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ބޮޑު ޖަލްސާގައި އަދުރޭ ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅިގެން ރައްޔިތުން ވިސްނަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން ބައެއް ރަށްރަށަށް އެމްޑީޕީގެ ބޭފުޅުން އުމުރުން ދުވަސްވީ ބޭފުޅުން ގާތަށް ވަޑައިގެން ކޮންމެހެން ވޯޓުލާން ނުދިއުމަށް އެދެމުންދާ ކަމަށެވެ. ގޭގައި ތިބީމަ، ކަރުދާސްކޮޅެއް ގެނެސްދޭނެ ކަމަށާއި އެ ކަރުދާހުގައި ފާހަގަ ޖަހާލީމަ ނިމުނީ ކަމަށް އެމްޑީޕީގެ ބޭފުޅުން ވިދާޅުވަމުން ގެންދަވާ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
އެހެންވެ، މިކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބައްލަވަން ޖެހޭ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ތުހުމަތު ކުރަނީ ވޯޓު ކަރުދާސް ބޭރުވެއްޖެ ކަމަށް. އިލެކްޝަންސް ކޮމިޝަނުން މިކަން ބައްލަވާ ދެއްވަން އެބަޖެހޭ. އެއްގޮތަކަށް ވެސް ހީ ކުރައްވައިގެން ނުވާނެ މި އިންތިހާބުުގައި ވައްކަން ކުރެވިދާނެ ކަމަކަށް. އެކަން ކުރާކަށް ފުރުސަތު ދޭކަށް ނޫން ރައްޔިތުން ތިބީ،" އަދުރޭ ވިދާޅުވި އެވެ.
މީގެ އިތުރުން ފައިސާ ދީގެން ވޯޓު ގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވައި އަދުރޭ ވިދާޅުވީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފައިސާއަށް ނުހެއްލޭނެ ކަން ރައްޔިތުން ބުނެފައިވާ ކަމަށެވެ. އަދި ފައިސާ އަށް ވުރެ ރައްޔިތުންގެ އަގު އަދި ގައުމު މާ މުހިންމު ކަން އެ ރައްޔިތުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމުމުގެ ސިއްކަ ޖަހާނީ ހައްދުންމަތިންނެވެ. އަދި ހައްދުންމަތީގެ ރައްޔިތުންގެ ގައިގައި އެ ހިތްވަރު އެބަހުރި ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.