މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، އޭނާ ވަނީ ރައްޔިތުންނަށް ނަތީޖާ ނެރެދޭ ޗޮއިސަކަށް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރ. މާކުރަތަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ ދިވެހިން ގައުމުގެ ކަންކަން އިސް ކުރަންވީ ޕާޓީ ލައިނުން ވިސްނައިގެން ނޫން ކަމަށެވެ. އަދި ރައްޔިތުން އިސް ކުރަންވީ ރަށަށާއި ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެ ޗޮއިސް އޮތީ. އެހެންވީމަ މާ ގިނަ ޗޮއިސްތަކެއް ނެތް ވިސްނާކަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑު ވާނީ ތިޔަބޭފުޅުންނަށް ނަތީޖާ ނެރެދޭ ޗޮއިސަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމެއްގައި ކޮންމެ ރަށަކަށް ދޭންވާ ސަމާލު ކަން ވެސް ދެއްވާނީ އެއް ވަރަކަށެވެ. އަދި މަޝްރޫއުތައް ހިންގުމުގައި އެ ރަށެއްގެ ރައްޔިތުން ވޯޓު ދޭ ގޮތަކާއި ތިބި ޕާޓީއަކަށް ނުބައްލަވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އެކަހަލަ އެއްވެސް ތަފާތު ކުރުމެއް ނެތި ކައުންސިލަށް ބާރުވެރިކަން (ދޭނަން). ކައުންސިލަކީ ކޮން ޕާޓީއެއްގެ ބައެއްތޯ ވެސް ބެލުމެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ކައުންސިލްތައް ވަރަށް ބޮޑަށް ބާރުވެރި ކުރުވައި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ރެއާއި ދުވާލު މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މަޝްރޫއުތައް ހުއްޓެނީ ކީއްވެތޯ ބަލައި، އެކަންކަން ހައްލުކޮށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެ ބަޔަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑރ. މުއިއްޒުގެ ވާހަކައިގައި ވަނީ މާކުރަތުގައި މަގުތައް ހެދުމާއި ޒުވާނުންގެ މަރުކަޒެއް ގާއިމު ކުރުމާއި މިހާރު އޮތް ފެންވަރަށް ވުރެ ރަނގަޅު ފުޓްސަލް ދަނޑެއް ގާއިމުކޮށްދިނުމަށް ވައުދުވެވަޑައިގެންފަ އެވެ. އޭނާ ވަނީ މި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޭނާ އަށް ލިބިވަޑައިގެންނެވި ކާމިޔާބީއަށް ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
ދެވަނަ ބުރުގައި އަދި މިއަށްވުރެވެސް ފުރިހަމަ ނަތީޖާއެއް ރައްޔިތުން ނެރެ ދެއްވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.