ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖައްސަވާ ހިސާބު ދިމާނުވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.
މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި ކެމްޕެއިން ދަތުރުގައި ރ. ވާދޫ އަށް ވަޑައިގެން އަދުރޭ ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުން 3-1 އިން ބަލިވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ކަމަށެވެ.
ދެވަނަ ބުރުގައި އިތުރަށް ދެ ލަނޑު ޖަހައި 5-2 އިން މޮޅުވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.އެގޮތަށް ރައީސް ސޯލިހް ވިދާޅުވުމުން އެ ހިސާބު ދިމާ ނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެއީ [ރައީސް] ސޯލިހް ވިދާޅުވަނީ ބަލިވީ 3-1 އިންނޭ. ދެވަނަ ހާފްގައި އަރާ ތިމަންނަމެން އަރާ ޖަހާނީ އިތުރަށް ދެ ލަނޑޭ. ޖެހީމަ 5-2 އިން ތިމަންނަމެން މޮޅުވެއޭ. އެއީ ކޮންކަހަލަ ހިސާބެއް ކަމެއް އަޅުގަނޑަކަށް ނޭނގޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ގޮތުން ހިސާބު ޖައްސަވަނީ ސިޔާސީ މަސްރަހު ދިރާސާކޮށް ބަލައި، ރައްޔިތުންގެ ފިކުރު ހުރި ގޮތަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ސިޔާސީ ހިސާބު ދިމާވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު މި ދަންނަަނީ، ތިޔަބޭފުޅުން ބައްލަވަން ތިއްބަވާ. މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އަޅުގަނޑުމެން ކާމިޔާބު ކުރާނީ 6-0 އިން. 6-0 އޭ ބުނީމަ ހިސާބު އޮޅުވާލަފާނެ، އެހެންވީމަ ކޮން އެއްޗެއްތޯ ވާނީ؟ 60." އިންތިހާބު 60 އިންސައްތަ އިން ކާމިޔާބު ކުރައްވާނެ ކަން ފާހަގަ ކުރައްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.