ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރަށް ރަށުގައި މަޝްރޫއުތައް ނުހިންގިގެން އުޅެނީ ހިންގުން ދޯހަޅިކަމުން ނުވަތަ ފީކަޅާވެގެން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ނ. ފޮއްދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ މި ސަރުކާރުން ކުރާ ކަންކަމާ ހުރެ ވަރަށް ގިނަ މަޝްރޫއުތައް ހުރީ ލަސްވެފައި ކަމަށެވެ.
އަދި މަޝްރޫއުތަކާ ހަވާލުވާ ފަރާތްތަކުން ފަރުވާ ކުޑަކޮށް ބައެއް ފަހަރު އެޑްވާންސް ފައިސާ ނަގާ ކޮންޓްރެކްޓަރު ދާ ހިސާބަށް ގޮސްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ އޭގެ ފަހުން، އަނެއްކާ ވެސް އިތުރު ކޮންޓްރެކްޓަރަކާ ހަވާލު ކުރުމުން އެ ކޮންޓްރެކްޓަރު ގެއްލުން ކަހަލަ އެތައް ކަމެއް ހިނގާފައިވާ ކަމަށެވެ.
"އެއީ ދައުލަތަށް ފައިސާ ނުލިބިގެން ކަންކަން ނުވެފައެއް ނޫން. ހިންގުމުގެ ފީކަޅާކަމުން، ދޯހަޅާކަމުން ނުކުމެފައި ހުންނަ ކަންކަން އެއީ." މުއިއްޒު ވިދާޅުވި އެވެ .
މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ވެރިކެއްމައގި ފަރުވާތެރިކަމާ އެކީގައި ރައްޔިތުން ބޭނުންވާ ކަންކަން އެ ބޭނުންވާ ގޮތަކަށް ފުރިހަމަކޮށް ދެއްވާނެ ކަމަށެވެ. އެކަން ކަން ކުރައްވާނީ ދައުލަތުގެ ބަޖެޓަށް ކަންކަން އިތުރުކޮށް ހަރަދުތައް ހަމަޖައްސައި އިގްތިސާދު ވަރުގަދަ ކުރަމުން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ރަށްރަށުގައި ކުރަން ހުރި ކަންކަމަކީ ހަމަ ހަގީގަތުގައި ވެސް މާ އުނދަގޫ ކަންކަމެއް ނޫން. ތަރުތީބު ކުރެވިގެން އެ ރަށެއްގެ އާބާދީ އާއި އެ ރަށެއްގެ ސައިޒާއި އެ ރަށެއްގެ ކުރިއެރުމަށް ބަލާއިރު، ނިސްބަތުން މިކަހަލަަ ކަންކަން ކުރުމަކީ ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި އިސްކަން ދޭން ޖެހޭ ތަރުތީބަކުން ކުރުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.