ރައްޔިތުންގެ މަޖިލީހުގައި އޮންނަ ސަރުކާރު ޖަވާބުދާރީ ކުރުވާ ކޮމެޓީތަކުގެ މުގައްރިރުކަން، ވެރިކަން ކުރާ އެމްޑީޕީން ދޫކޮށްކުމުން، ދާއިމީ ކޮމިޓީތައް މިއަދު އަލުން އެކުލަވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާ ނުލެވި މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ދެ މަހަށްވުރެ ގިނަ ދުވަސް ވަނީވެފަ އެވެ.
މަޖިލީހުގެ ކޮމެޓީތައް އެކުލަވާލަން ޖެހުނީ އެމްޑީޕީގެ 12 މެންބަރުން ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން، މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރާ ނިސްބަތަށް އައި ބަދަލާ އެކު އެވެ. ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ފެށުނު އިރު ވެސް ކޮމެޓީތައް އެކުލަވާ ނުލެވެ އެވެ. އެހެންވެ މަޖިލީހުގެ ގިނަ ޖަލްސާތައް ބޭއްވިފައެއް ނުވެ އެވެ. އަދި އޭރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބަރު ނެތް ކަމުގެ މައްސަލަ ވެސް މަޖިލީހަށް ހުށަހަޅައިފަ އެވެ. އެހެންވެ މަޖިލީހުގެ ގިނަ ޖަލްސާތައް ކުރިއަކަށް ނުދެ އެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދާންފެށީ އެ މައްސަލަ އެމްޑީޕީން އަނބުރާ ގެންދިއުމުންނެވެ. އަދި މަޖިލީހުގެ ކޮމެޓީތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް އެމްޑީޕީން ވެސް ދޫ ދިނުމުންނެވެ.
ސަރުކާރު ޒިންމާދާރުކުރާ ކޮމިޓީތަކުގެ މުގައްރިރުކަން ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުންނަށް ނުދިނުމަށް އިސްލާހު ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އެ އިސްލާހު ފާސްކުރީ 19 ވޯޓުންނެވެ. ދެކޮޅަށް ނުވަ މެންބަރުން ވޯޓު ދެއްވި އެވެ.
މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމަށް 16 މެމްބަރުންގެ ވޯޓާ އެކު ވަނީ ފާސްކޮށްފަ އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ހަތް މެމްބަރުންނާއި ޑިމޮކްރެޓްސްގެ ދެ މެމްބަރުންނާއި ޕީޕީއެމް، ޕީއެންސީ އަދި އެމްއެންޕީން، ކޮންމެ ޕާޓީއަކުން އެއް މެމްބަރެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އެކުލެވިގެންވަނީ އެމްޑީޕީގެ އަށް މެމްބަރުންނާއި ޑިމޮކްރެޓްސްގެ ދެ މެމްބަރުންނާއި ޕީޕީއެމް އަދި އެމްއެންޕީން، ކޮންމެ ޕާޓީތަކުން އެއް މެމްބަރެވެ.