ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމުނީ އެވެ. ދެވަނަ ބުރަކަށް ހޮވި ވަޑައިގެންނެވީ ޑރ. މުހައްމަދު މުއިއްޒާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ވެރިކަމުގެ އާރާއި ބާރުގައި ހުންނަވައި 130،000 ވޯޓުން ހިސާބު ޖައްސަވައިގެން އިންތިހާބަށް ވަޑައިގެންނެވި ކަމަށް ވިއަސް ރައީސް ސޯލިހަށް ފުރަތަމަ ބުރުން ލިބިވަޑައިގެންނެވީ ވޯޓުލީ މީހުންގެ 39 އިންސައްތަ ވޯޓެވެ. އެއީ ދެވަނަ ބުރެއްގައި ކާމިޔާބު ހޯއްދެވުމަށް އެމަނިކުފާނަށް އެހާ ފަސޭހަ މިންވަރެއް ނޫނެވެ.
ފުރަތަމަ ބުރުގެ ނާކާމިޔާބީ އާއި ކުރިޔަށް އޮތް ބުރުގައި އިތުރު ތާއީދު ހޯއްދެވުމަށް ކުރައްވާނެ ކަންތައްތަކާ ބެހޭ ގޮތުން ރައީސް ސޯލިހު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. ރާއްޖެ ޓީވީއަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ އޭރު ދައްކަވަން ޖެހިވަޑައިގަތް އެކަމަކު ނުދެއްކެވި ހުރި ވާހަކަތައް މިފަހަރު އެމަނިކުފާނު ދައްކަވާނެ ކަމަށެވެ.
ރަޢީސްގެ ވާހަކަފުޅުގައި ދެވަނަ ދައުރުގެ ކެމްޕޭނުގައި އެމަނިކުފާނު ދައްކަވާނެ ކަމަށް ވިދާޅުވީ މައިގަނޑު އެއް ވާހަކައެކެވެ. އެއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅޭ ވާހަކަ އެވެ. މިނިވަންކަމާ އިސްތިގުލާލާ ގުޅޭ މައިގަނޑު ވާހަކަ ބެހިފައި ވަނީ ދެބަޔަކަށެވެ. އެއީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ ވާހަކަ އާއި މޮރިޝަސްއާ ދެމެދު އުފެދުނު އިމުގެ މައަސަލައިގެ ވާހަކަ އެވެ.
އިންޑިއާ ސިފައިން
އިންޑިއާ ސިފައިން ރާއްޖޭގައި ގަދަކޮށްފައި ތިބި ކަމަށާއި އެމީހުންގެ މަރުކަޒުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހަދައި ދިވެހި ސަރުކާރަށް އަމިއްލައަށް އެއްވެސް ކަމެއް ނިންމުމުގެ ބާރު ނެތް ވަރަށް އިންޑިއާގެ ދަށުވެފައިވާ ވާހަކައަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅޭ ގޮތުން ދިވެހިންގެ ގިނަ ބަޔަކު ދައްކަމުން އަންނަ ވާހަކައެކެވެ. ރައީސް ސޯލިހަށް މި މައްސަލައިގައި ކިތަންމެ ސުވާލެއް އަމާޒު ވިޔަސް މިހާތަނަށް އެމަނިކުފާނު ސާފު ޖަވާބެއް ނުދެއްވަ އެވެ.
އިންޑިއާ ސިފައިންގެ މައްސަލައިގައި އެމަނިކުފާނަށް އެންމެ ސީދާ ސުވާލެއް އަމާޒުވީ ރިޔާސީ ބަހުސްގަ އެވެ. އެއީ ވަރަށް ސާފުކޮށް އާއެކޭ ނުވަތަ ނޫނެކޭ ބުނެވޭ ގޮތަށް ދިވެހިރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ގާއިމުވެ އެބަތިބިތޯ ކުރެވުނު ސުވާލެކެވެ.
އެ ސުވާލުގެ ޖަވާބު އެމަނިކުފާނު ސީދާ ނުދެއްވައި އެއަށް ބައިތަކެއް އިތުރުކުރައްވައިގެން ވިދާޅުވީ ހަތިޔާރާއެކު ހަނގުރާމަވެރި އަމަލެއް ހިންގަން އެއްވެސް ގައުމެއްގެ ސިފައިން ނެތް ކަމަށެވެ. ރާއްޖޭގައި 2008 އިން ފެށިގެން ދެ ހެލިކޮޕްޓަރާއެކު ގާއިމުވެ ތިބޭ އިންޑިއާ ސިފައިންނާއި އެނޫން ވެސް އެކި ނަންނަމުގައި ރާއްޖޭގައި ގާއިމުވެ އެތިއްބެވެ. އިންޑިއާ ސިފައިން ނެތް ކަމަށް ދޭހަވާ މޭރުމަކުން ރައީސް ޖަވާބު ދެއްވުމުން ގިނަ ބަޔަކު ވަނީ އެކަމާ ފާޑުކިޔައިފަ އެވެ.
ކަނޑު ވިއްކާލުން
އިންޑިއާ ސިފައިންގެ ވާހަކައިގެ ފަހަތަށް އިތުރުވާ އަނެއް ކަމަކީ ރާއްޖޭގެ ދެކުނުން ކަނޑުގެ ބައެއް ބޭރުގެ ގައުމަކަށް މިހިނގާ ސަރުކާރުގެ ދައުރުގައި ގޮސްފައިވާތީ އެކަމާ މެދު ދެކެވޭ ވާހަކަތަކެވެ. ރާއްޖޭގެ ދެކުނުން ކަނޑުގެ ސަރަހައްދާ ފުށުއަރާ ހިސާބުގައި އެއްވެސް ގައުމެއް ނެތެވެ. އެންމެ ކައިރީގައި ވެސް އޮތީ އިނގިރޭސިން އިންޑިއާގައި އުޅުނުއިރު އެ ގައުމުން މީހުން ގެންގޮސްގެން އާބާދުކުރި ގައުމެއް ކަމަށްވާ މޮރިޝަސް އެވެ.
މޮރިޝަސް އާއި ރާއްޖެއާ ދެމެދު 900 މޭލަށް ވުރެ ދުރު ރާސްތާއެއްވެ އެވެ. އެހެން ނަމަވެސް އިނގިރޭސިވިލާތުގެ ބެލެނިވެރިކަމުގެ ދަށުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަދާފައިވާ ރާއްޖޭގެ ފޯޅަ ވަހި، އެއީ މޮރިޝަސްގެ ބައެއް ކަމަށް ހިމެނުމުން ރާއްޖެއާ މޮރިޝަސްގެ މެދުގައި ކަނޑުގެ ސަރަހައްދު ބައިކުރަންޖެހި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލުނު ކަމީ ހަގީގަތެކެވެ.
ކަނޑުގެ މައްސަލައިގައި ރައީސް ސޯލިހަށް ކުރެވޭ ތުހުމަތަކީ ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ލިބެންޖެހޭ ކަމަށް ވިދާޅުވުމެވެ. އެކަމަށް އެއްބަސްވެ ވަޑައިގެން އެމަނިކުފާނު ވަނީ މޮރިޝަސްއަށް ސިޓީފުޅެއް ވެސް ފޮނުއްވަވައިފަ އެވެ. އެ ސިޓީގައި އޮތީ ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް އޮންނަން ޖެހޭކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާ ކަމަށާއި އދ. ގައި އެގޮތަށް ވޯޓު ދެއްވާނެ ކަމަށެވެ.
ކަނޑުގެ މައްސަލައިގައި ދިވެހި ރައްޔިތުންގެ އިހުސާސްތައް ނެއެއްސެވިކަމަށް ވިއަސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނާކާމިޔާބާއެކު އެކަމާ ވިސްނަވަން ޖެހި ވަޑައިގެންފައިވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެއާ މޮރިޝަސް އާ ދެމެދު ކަނޑުގެ ފުށުއެރުމެއް އުފެދުނު ސަބަބު ކަމަށްވާ ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ލިބެންޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެގޮތަށް ވޯޓު ދެއްވާނެ ކަމަށް ވިދާޅުވުމަށްފަހު އެ މައްސަލާގައި އިތުރަށް ދައްކާނެ ވާހަކައެއް ސަރުކާރަށް އޮންނާނެ ކަމަކަށް ނުފެނެ އެވެ. ހަމަ އެފަދައިން ރާއްޖޭގައި އިންޑިއާ ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު އެ މީހުންގެ މިލިޓަރީ އުޅަނދުތަކާއެކު ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުވެ ތިބިކަން އެންމެނަށް އެނގޭއިރު އެކަމާ ބެހޭ ގޮތުން ވެސް ސަރުކާރުން ދައްކާ ވާހަކަ ގަބޫލުކުރާ މީހުންނަށް ވުރެ ގިނަ ވާނީ ނުކުރާ މީހުންނެވެ.