ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ހަދައިގެން މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމުގެ ބަހުސްގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދެއްކި ވާހަކަތަކާ ގުޅިގެން ދެއްވި ޖަވާބުގައި އެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައިގެން ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތް ވޯޓަކީ ވެސް އެމްޑީޕީއާ އެއް ފިކުރެއްގެ ތިބި ރައްޔިތުންގެ ވޯޓު ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ފުރިހަމަ ތާއީދު ލިބޭނެކަމުގެ ޔަގީންކަން އޮތްކަމަށް ޖާބިރު ވިދާޅުވި އެވެ. އަދި ޖާބިރު ވިދާޅުވީ ޑިމޮކްރެޓްސް އާއި އެމްޑީޕީއަކީ އެކައްޗެއް ކަމަށާއި އަބަދުވެސް މަސައްކަތް ކުރާނީ އެކީގައި ކަމަށާއި ރައީސް ސޯލިހު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.
"ދިމާވި މައްސަލައަކީ އެމްޑީޕީ ދެބައިވުން. އިތުރު މައްސަލައެއް ދިމައެއް ނުވޭ. އޭތި އަލުން ގްލޫ ކޮށްލެވިއްޖެ ކަމަށް ވަންޏާ، އެ ހިސާބުން ދާނީ ބާރަށް ކުރިއަށޭ... ހުރިހާ ބޭފުޅުން އަވަހަށް ނެގޯސިއޭޝަން ހައްދަވައި، އެއްބުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވާށޭ،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރުގެ ވާހަކަތަކަށް ރައްދު ދެއްވާ ރައީސް ނަޝީދު ވިދާޅުވީ ދެން ރައީސް ސޯލިހާ އެކު މަސައްކަތް ކުރެވެން ނެތް ކަމަށެވެ.
"...އަޅުގަނޑު އެބަޖެހޭ ފާހަގަކޮށްދޭން. ދެނެއް އެކަން އެގޮތަށް ވާކަށް ނެތް،" ނަޝީދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އިލްޔާސް ލަބީބަށް 15،839 ވޯޓު ލިބިވަޑައިގަތެވެ. އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ އަށް ހޯއްދެވުނީ 101،635 ވޯޓެވެ.
އެހެންވެ ދެވަނަ ބުރުގައި މުއިއްޒުގެ މައްޗަށް ކުރި ހޯއްދަވަން ރައީސަށް ނަޝީދުގެ ތާއީދު ބޭނުންވާ އިރު، އެ މަޝްވަރާތައް މިހާރު ވެސް ދަނީ ކުރިއަށެވެ.