އިންޑިއާއިން އެގައުމުގެ ރަސްމީ ނަން "ބާރަތު"އަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އަޑުތައް އަރާފައިވާއިރު އެކަމަށް ގިނަ ބައެއްގެ ތައުރީފާއި ފާޑުކިޔުން ވެސް އަންނަނީ އަމާޒު ވަމުންނެވެ. ގައުމެއްގެ ނަން ބަދަލު ކުރުމަކީ އެގައުމެއްގެ ތާރީހުގައި މުހިއްމު ނިންމުމަކަށް ވާއިރު ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މީގެ ކުރިން ވެސް ބައެއް ގައުމުތަކުން އެގައުމުތަކުގެ ނަން ބަދަލުކޮށްފައިވާ ކަމެވެ.
ތުރުކީ
ތުރުކީއިން 2022 ވަނަ އަހަރު އދއަށް ފޮނުވި ބަޔާނެއްގައި އެގައުމުގެ ރަސްމީ ނަން "ޓާކީ" އިން "ޓާކިޔޭ"އަށް ބަދަލުކުރިކަން އިއުލާން ކޮށްފައިވެ އެވެ. އެގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުތުޣާން ވިދާޅުވީ "ޓާކިޔޭ"އަކީ އެގައުމުގެ ސަގާފަތާއި އާދަކާދަ ރަމްޒުކޮށްދޭ ނަމެއް ކަމަށެވެ.
ސްރީލަންކާ
ދިވެހިންނަށް ވެސް ވަރަށް ފަހަކާ ޖެހެންދެން ސްރީލަންކާ އެނގިފައިވަނީ "ސިލޯން"ގެ ގޮތުގަ އެވެ. އެގައުމުގެ ސަރުކާރުން ސިލޯންގެ ބަދަލުގައި ސްރީލަންކާއަށް ގައުމުގެ ނަން ބަދަލުކުރަން ނިންމީ އިނގިރޭސިންގެ ދައުރުގެ ނިޝާންތަކާ ދުރުވުމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް ބައެއް ކަންކަމުގައި ސްރީލަންކާގެ ކުރީގެ ނަން ބޭނުން ކުރެވެ އެވެ.
ތައިލެންޑް
1939 ވަނަ އަހަރާ ހަމައަށް ތައިލެންޑްގެ ނަން އޮތީ "ސިއާމް"ގެ ގޮތުގަ އެވެ. އެ ނަމުން "ދަ ކިންގްޑަމް އޮފް ތައިލެންޑް"އަށް ގައުމުގެ ނަން ބަދަލުކުރީ އެގައުމުގެ މިނިވަންކަމާ ގުޅުވައިގެން ގައުމުގެ އަމިއްލަ ސަގާފަތާ އާދަކާދަތަކަށް ބާރު ދިނުމުގެ ގޮތުންނެވެ.
މިޔަންމާ
1989 ވަނަ އަހަރާ ހަމައަށް "ބަރްމާ" ގޮތުގައި އޮތް ގައުމުގެ ނަން މިޔަންމާއަށް ބަދަލު ކުރެވުނީ އެގައުމުގައި އޮތް އަސްކަރީ ވެރިކަން ނިމި ޖުމްހޫރިއްޔަތެއް ފެށުމާއެކު ގައުމުގެ ގާނޫނަށް ގެނެވުނު ބަދަލުތަކާއެކުގަ އެވެ. އެހެން ނަމަވެސް އިންސާނީ ހައްގުތަކުގެ ނަމުގައި އެމެރިކާ ފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކުން އެގައުމުގެ އާ ނަން ބަލައިގަނެފައެއް ނުވެ އެވެ.
އީރާން
މިހާރު ފެންނަން އޮތް "އީރާން" 1935 ވަނަ އަހަރާ ހަމައަށް އޮތީ "ޕާސިއާ"ގެ ގޮތުގަ އެވެ. އޭރު އެ ގައުމުގެ ރަސްގެފާނު ރަޒާ ޝާހް ގައުމުގެ ނަން އީރާނަށް ބަދަލުކުރީ ގައުމުގެ "އާ ފެށުމެއް"ގެ ބޭނުމުގަ އެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އީރާނާ ގުޅުންހުރި ބައެއް ކަންކަމަށް ރިއާޔަތް ކުރެވެނީ "ޕާސިއަން"ގެ ގޮތުގަ އެވެ.