ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެތައް ބަޔަކު ޖަލުގައި ހައްރުކޮށްގެން ގެންގުޅުނު އަނިޔާވެރި ހާދިސާ އަށް އިޝާރާތް ކުރައްވައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ކާމިޔާބު ހޯދީ ދޫނިދޫ ސަރުކާރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ސިފަ ކުރައްވައިފަ އެވެ.
އެމްޑީޕީގެ މާލޭގެ ޕްލޭން އާއްމު ކުރުމަށް ކާނިވާ ސަރަހައްދުގައި އެތައް ހާސް ބަޔަކާ އެކު ބޭއްވި ބިޔަ ޖަލްސާގައި ރައީސް އެ އިޝާރާތް ކުރައްވާފައި ވަނީ ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހިނގި ކަންކަމާ ގުޅިގެން އެތައް ބަޔަކު ޖަލުގައި ބަންދުކުރި ހާދިސާ އަށެވެ.
"2018 ގައި ސިޔާސީ ހުރިހާ ލީޑަރުން ތިބީ ޖަލުގައި. އަޅުގަނޑު ވެސް އެއްރޭ ޖަލަށްލި. މިއީ ކޮންމެހެން އަޅުގަނޑު ޖަލަށް ގެންދިޔަ ވާހަކަ ދެއްކުމެއް ނޫން. އަޅުގަނޑު ޖަލަށްލީ ރޭ ވެސް 250 އަށް ވުރެ ގިނަ އެކްޓިވިސްޓުން ޖަލަށްލި. އަނެއް ދުވަހު ޑޮކްޓަރަށް ދައްކާލަން ނުކުތް އިރު ގޮނޑިއެއް ހުރިއްޔާ ގޮނޑިއެއްގައި އޭގެ މީހަކު. ޖޯލި ފައްޗެއް ހުރިއްޔާ ޖޯލި ފަތީގައި އޭގެ ކުއްޖަކު. ކޮޅަށް ވެސް މީހުން. އުއްތަމަ ފަނޑިޔާރު ޖަލުގައި. ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރަކު ޖަލުގައި. ޕްރޮސެކިއުޓަ ޖެނެރަލް އާއި ދެ ޕޮލިސް ކޮމިޝަނަރުން ތިއްބެވީ ޖަލުގައި. ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރުންނެއް ޖަލުގައި. އަދި ހަވީރު އަޅުގަނޑުމެން ކަސްރަތު ކޮށްލަން ބައިޑިއިރެއްހާ އިރަށް ބޭރަށް ނެރުނު އިރު މާދުރުގައި ގޮނޑިއެއްގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިންނެވި،" 2018 ގެ ހަނދާންތައް އާކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރެއް ބަރާބަރަށް ހިންގޭވަރަށް އޭރު ދޫނިދޫގައި މީހުން ބަންދުކޮށްފައި ތިބި ކަމަށެެވެ.
"މާލޭގައި އެއް ސަރުކާރު. ދޫނިދޫގައި އަނެއް ސަރުކާރު. އެހެން ނަމަވެސް 2018 ގައި މޮޅުވީ ދޫނިދޫ ސަރުކާރު،" 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން އެމަނިކުފާނުގެ ގުޅިފައިވާ ކޯލިޝަނުން ހޯދި ކާމިޔާބީ އަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.
ފެބްރުއަރީ 1 ގެ އަމުރަށް ފަހު ހައްޔަރުކުރި މީހުންގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުން އޭގެ ކުރިން ވަނީ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމް ވެސް ޖަލުގައި ބަންދުކޮށްފަ އެވެ. ނަމަވެސް އެ ބޭފުޅުން ފަހުން ވަނީ ބޭސް ފަރުވާއަކަށް ކަމަށް ބުނެ ރާއްޖޭން ބޭރަށް ވަޑައިގެންފަ އެވެ.
ރައީސް ޔާމީންގެ ސަރުކާރުން ޖަލުގައި ބަންދުކުރި މީހުންގެ ތެރޭގައި އޭރުގެ ނައިބް ރައީސް އަހުމަދު އަދީބު، ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހުމަދު ނާޒިމް އަދި އަދާލަތު ޕާޓީގެ ރައީސް ޝޭއިޚް އިމްރާން އަބްދުﷲ ހިމެނެ އެވެ. ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ޖަލު ބަންދުން ސަލާމާތްވީ އެންމެ ފަހު ވަގުތު ރާއްޖެ ދޫކުރައްވައި ވަޑައިގަތުމުންނެވެ.