ދަނގެތީގެ ފެނުގެ ނިޒާމުގެ ވިއުގަ ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ދަނގެތީގެ ފެނުގެ ނިޒާމުގެ ވިއުގަ ބަދަލު ކުރުމުގެ މަސައްކަތް ފެށުމަށް ބުރާސްފަތި ދުވަހު ދަނގެތީގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ފައްޓަވާދެއްވީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާއި، ދަނގެތީގެ ކައުންސިލްގެ ނައިބް ރައީސް އިމްރާން އަހުމަދެވެ.
މިރަސްމިއްޔާތުގައި ދަނގެތި ކައުންސިލްގެ ނައިބް ރައީސް އިމްރާން އަހުމަދު ދެއްކެވި ވާހަކަ ފުޅުގައި ވަނީ، ދަނގެތީގެ ފެނުގެ ނިޒާމް 2018 ވަނަ އަހަރުގައި ގާއިމް ކުރެވުނު ނަމަވެސް، މިއަދާ ހިސާބައްވެސް އެ ނިޒާމްގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބިފައި ނުވާކަން ފާހަގަ ކުރައްވާފަ އެވެ. އަދި ދަނގެތީގައި 18 ގެސްޓް ހައުސްއާއެކު 280 އެނދު އޮޕަރޭޓް ކުރަމުންދާއިރު، ދަނގެތީގެ ފެން ލޮނުވެފައިވާ މައްސަލައަކީ އަބަދުވެސް ފަތުރުވެރިންގެ ޝަކުވާއެއްކަން އިމްރާން ވަނީ ފާހަގަ ކުރައްވާފަ އެވެ.
އެ ރަސްމިއްޔާތުގައި ޝަރީފް ދެއްކެވި ވާހަކަފުޅުގައި ވަނީ، ސްޓެލްކޯއާއި ހަވާލުވުމަށްފަހު ދަނގެއްޗަށް ކުރި ފުރަތަމަ ދަތުރުގައި ދަނގެތީގެ ކައުންސިލްގެ ފަރާތުން ފެނުގެ ނިޒާމުގެ މައްސަލަ ހުށަހެޅިކަމަށް ވިދާޅުވެފަ އެވެ. އަދި އޭރުވެސް ދަނގެތީގެ ފެނުގެ ނިޒާމް ފުރިހަމަ ކުރެވިފައި އޮތް ނަމަވެސް ރައްޔިތުންނަށް އޭގެ ފޮނި މީރުކަން ނުލިބޭ ކަމުގެ ޝަކުވާ ކައުންސިލުން ހުށަހެޅިކަމަށެވެ.
މީގެ އިތުރުން، ޝަރީފް ވިދާޅުވީ، ދަނގެތީގެ ފެނުގެ ނިޒާމް ގާއިމް ކުރުމަށްޓަކައި 2014 ވަނަ އަހަރު ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން 2018 ވަނަ އަހަރު އެ ޕްރޮޖެކްޓް ފުރިހަމަކޮށްފައި ހައުސިން މިނިސްޓްރީއާއި ހަވާލު ކުރި ކަމަށާއި، އަދި ސަރުކާރުން ސްޓެލްކޯއާއި އެ ނިޒާމް ހަވާލު ކުރުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް، ސްޓެލްކޯއިން އެކަހަލަ އެއްވެސް ހިދުމަތަކާ ހަވާލުވުމުގެ ކުރިން ބަލާ މިންގަނޑުތަކެއް ހުންނަ ކަމަށާއި، އެ މިންގަނޑުތަކަކީ ހިދުމަތްދޭން ފަށާއިރުގައި އެ ހިދުމަތްދިނުމަށް ބޭނުންވާ ފުރިހަމަ ނިޒާމް ގާއިމް ކުރެވިފައި އޮތްތޯ ބެލުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ސްޓެލްކޯއާއި ހަވާލުވި އިރުވެސް، މި ނިޒާމާއި ހަވާލުވުމާއި ގުޅޭ ހިޔާލުތަފާތުވުމެއްގައި އޮތީ. އަޅުގަނޑު އައިސް އެވާހަކަ ދެއްކީމާ، ތިބޭފުޅުންނަށް ހަމަ ތެދު ތެދަށް މިދަންނަވަނީ. އަޅުގަނޑުގެ ފުރިހަމަ ބޭނުމަކަށްވީ، ހިޔާލުތަފާތުވުންތައް ދޫކޮށްލާފައި ރައްޔިތުންނަށް ފެނުގެ ލުއިފަސޭހަކަން ސަރުކާރުން ދޭން ބޭނުންވާ އެހިދުމަތް ލިބިދެވޭނީ ކިހިނެތްތޯ. އެ ބެލުން" ޝަރީފު ވިދާޅުވި އެވެ.
އަދި ސްޓެލްކޯގެ ކަމާގުޅުން ހުރި ޑިޕާޓްމަންޓުގެ ވެރިޔާއަށް ފެނުގެ ހިދުމަތް ދަނގެތީގައި ދެވޭނީ ކިހިނެތްތޯ ބެލުމަށް ހަވާލު ކުރި ކަމަށާއި، ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު އޭގެ މައުލޫމާތުތައް ދެއްވި ކަމަށް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑަށް ލިބުނު މައުލޫމާތުގެ އަލީގައި ދަންނަވާކަމަށްވާނަމަ، ބޭރުގެ އެކުންފުނިން، މިތަނަށް އަޅާފައި އޮތް ފެނުގެ ނިޒާމަކީ، އެއްގޮތަކަށްވެސް މިވަރުގެ ރަށެއްގެ ރައްޔިތުންނަށް ފެނުގެ ހިދުމަތް ދިނުމަށް، އެކަށީގެންވާ ފެނުގެ ނިޒާމެއް ނޫން. އޭގެ ދެ ސަބަބެއް ދަންނަވާލާނަން. އެއް ސަބަބަކީ ސްޓޯރޭޖް ޓޭންކުގެ ގޮތުގައި ކަނޑައަޅާފައިވާ ޓޭންކުގައި ދަބަރު ޖެހުމާއެކު، ލޯވަޅު އެޅި ފެން ނުހިފަހައްޓާ. އަދި އާރުއޯ ޕްލާންޓުވެސް އެކަށީގެންނުވާ ޕްލާންޓެއް ހުރީ. އެއަށް ބޭނުންވާ ވަރަށް ނޫފެއްދޭ ވަރުގެ ޕްލާންޓް ހުރީ. އެއަށްވުރެ މުހިއްމު އަދި މި ހިދުމަތް އެއްގޮތަކަށްވެސް ނުދެވޭނެ ސަބަބެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ މިތަނުގައި އަޅާފައިވާ ހޮޅިތައް ނުވަތަ ނެޓްވޯކް. އެ ހޮޅިތަކަކީ އެއްގޮތަކަށްވެސް ފެނުގެ ނިޒާމްގައި ބޭނުން ކުރުމަށް ފެން ޕްރެޝަރުގައި ދޫކޮށްލުމަށް އެކަށީގެންވާ ހޮޅިއެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ދަނގެތީގައި މިވަގުތު އަޅާފައި އޮތް ފެނުގެ ވިއުގައިގައި ފެން ޕްރެޝަރުގައި ދޫކުރުމާ އެކު ލީކުވާން ފަށާ ކަމަށާއި، ހޮޅި އެކި ދިމަދިމާލުން ފަޅައިގެންދާ ކަމަށް. އެހެން ކަމުން މިނިސްޓްރީގައި ދަންނަވައިގެން ސްޓެލްކޯއިން ދަނގެތީގެ ފެނުގެ ނެޓްވޯކް އަލުން އެޅުމަށް ނިންމީ ކަމަށެވެ. އެގޮތުން މިނެޓްވޯކް ގާއިމް ކުރައްވާއިރު، 365 ޓަނުގެ ދެ ޓޭންކާއި، 395 ކޮންޒިއުމަރުންނަށް ހިދުމަތް ދިނުމަށްޓަކައި މީޓަރުތައް ބަދަލު ކުރުމާއި، 7000 މީޓަރުގެ ނެޓްވޯކް ލައިނެއް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ، ދަނގެތީގެ ފެނުގެ ވިއުގަ ބަދަލު ކުރުމަށް ދީފައި އޮތީ ހަ މަސް ދުވަހުގެ މުއްދަތެއް ކަމަށާއި، އެހެން ނަމަވެސް މާތްﷲގެ އިރާދަފުޅާއެކު، ތިން މަސް ދުވަހުގެތެރޭ އެ މަސައްކަތް ނިންމާ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.