ދިވެހި ރެޑް ކްރެސެންޓްއިން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓު އިން ތައާރަފް ކޮށްފައިވާ "ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް" ގައި ދިރާގުން ބައިވެރިވެ ދިވެހި ރެޑް ކްރެސެންޓުންދޭ ޚިދުމަތްތަކުގައި އެހީތެރިވުމަށް ވަނީ ނިންމައިފި އެވެ.
ދިރާގުން ދަނީ 2018 ވަނަ އަހަރުން ފެށިގެން ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަރއެއްގެ ގޮތުގައި ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ދިވެހި ރެޑް ކްރެސެންޓްގެ "ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް" ގައި ދިރާގުން ބައިވެރިވުމުގެ ސަބަބުން ކާރިސާތަކުގެ ވަގުތުގަ އާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދެމެހެއްޓެނިވިގޮތުގައި ފޯރުކޮށްދެވޭނެ އެވެ.
މި މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި، ނަފްސާނީ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނެ އެވެ. މީގެ އިތުރުން މި އެހީގެ ސަބަބުން މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީންކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް މި ރޮނގުތަކުން ތަރައްގީކުރުމަށް ވެސް މަގުފަހިވެގެންދެ އެވެ.
"ދިވެހި ރެޑް ކްރެސެންޓްގެ ޓީމާއި ހުރިހާ ވޮލަންޓިއަރުން ކުރައްވަވާ މުހިންމު މަސައްކަތުގެ އަގު ވަޒަންކޮށް, ދިވެހި ރެޑްކްރެސެންޓް އިން ކުރައްވާ ގައުމީ މަސައްކަތަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވި އެވެ.
މިދިޔަ އަހަރުތަކުގައި ދިވެހި ރެޑް ކްރެސެންޓުން ނަފްސާނީ އިޖުތިމާއީ ދުޅަހެޔޮކަން ފޯރުކޮށްދިނުމަށާއި ބިދޭސީންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލި ޓޯލް ފްރީ ހެލްޕްލައިން ފަދަ ޓެލެކޮމިއުނިކޭޝަންއާ ގުޅުން ހުރި ހިދުމަތްތައް ދިނުމުގައި ދިރާގުން ފޯރުކޮށްދީފައިވާ އެހީތެރިކަން ދިވެހި ރެޑް ކްރެސެންޓުން ވަނީ ފާހަގަކޮށްފަ އެވެ. އަދި މި އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގަ އާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހިވުމުގެ އިތުރުން، ދިރާގާއި ދިވެހި ރެޑް ކްރެސެންޓްއާ ދެމެދު ގާއިމްކުރެވިފައިވާ ގުޅުން ވަރުގަދަކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.