މާލޭގައި ގެއްލިގެން ހޯދަމުން ދަނިކޮށް ހަދަމުން ދިޔަ އިމާރާތެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި ޖަލަށްލާފައިވާ އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހުއާ ގިނަ ސުވާލުތަކެއް ސުޕްރީމް ކޯޓުން މިއަދު އަމާޒުކޮށްފި އެވެ.
މީގެ 10 އަހަރު ކުރިން ޖެނުއަރީ، 2010 ގައި މ. އަންގާގިރިގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރެއިން ޝީރީންގެ ހަށިގަނޑު ކުނިވެފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. އޭނާ މަރާލި ކަމަށް ތުހުމަތުކޮށް ނަޖާހުގެ މައްޗަށް ކުރި ދައުވާގައި ހައި ކޯޓުން މިދިޔަ އަހަރު ނިންމީ އޭނާ 12 އަހަރަށް ޖަލަށްލުމަށެވެ. އެ މައްސަލަ ނަޖާހުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ފަނޑިޔާރުންގެ ބެންޗުން ނަޖާހުއާ ސުވާލު ކުރެއްވީ ޝީރީން ގެއްލުނު ރޭ، މ. ކުރަހާގޭގައި ދެ މީހުން އެކުގައި އުޅުނު ކޮޓަރިއަށް ވަން ފަހުން ކަންވީ ގޮތް ކިޔައި ދިނުމަށެވެ. ނަޖާހު ބުނީ ކޮޓަރީގައި އޭނާ ނިދާފައި ހޭލިއިރު ޝީރީން ގޭގައި ނެތް ކަމަށާއި އޭގެފަހުން ޝީރީން ޚަބަރެއް ނުވާ ކަމަށެވެ. އަދި ފުލުހުންނަށް އެކަން އެންގީ އޭނާ އަމިއްލައަށް ކަމަށް ނަޖާހު ބުންޏެވެ.
އެރޭ ކޮޓަރި ތެރެއިން އެއްޗެއް ތަޅައިގެންދިޔަ އަޑު އެގޭގެ އެހެން ކޮޓަރިއެއްގައި ހުރި މީހަކަށް އިވިފައި ވަނިކޮށް ބިއްލޫރި ފުޅިއެއް ތަޅައިގެން ދިޔަ ވާހަކަ އެ މީހާ ގާތު ޖެހިގެން ދުވަހު ނަޖާހު ބުނެފައިވާތީ އެކަމާ ބެންޗުން ސުވާލު ކުރެއްވި އެވެ. ނަޖާހު ބުނީ ފެން ފުޅި ތަޅައިގެން ދިޔައީ ކޮޓަރީގައި ހުރެފައި ފެން ބޯން އުޅެނިކޮށް ކަމަށެވެ.
ޝީރީން ގެއްލުނު ފަހުން ފުއްޕާފައި ހުރި ލަގެޖް ބޮޑު ފޮށްޓެއް ހިފައިގެން ނަޖާހު ކޮޓަރިން ނިކުމެގެން ގޮސްފައިވާތީ އެކަމާ ބެހޭގޮތުން ނަޖާހު ބުނީ އެ ފޮށީގައި އޭނާ ގެންދިޔައީ އޭނާގެ އަންނައުނު ކަމަށެވެ. އަންނައުނު ހިފައިގެން ދިޔައީ ޝީރީން ނެތުމުން އެ ގެއިން ނިކުންނަން އޭނާއަށް ޖެހުމުން ކަމަށް ނަޖާހު ބުންޏެވެ.
ނަޖާހުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކޮށްފައި ވަނިކޮށް ހައި ކޯޓުން ނިންމީ ގަސްދުގައި މެރިކަން ސާބިތުނުވާ ކަމަށެވެ. އެކަމަކު ގަސްދަކާ ނުލައި މީހަކު މެރިކަމުގެ ކުށުގައި އޭނާ ޖަލަށްލާން ހުކުމްކުރީ ދައުވާގެ ސިފަ ބަދަލުކޮށްފަ އެވެ. އެގޮތަށް ދައުވާ ސިފަ ބަދަލު ކުރެވިދާނެތޯ ބެންޗުން ދައުލަތާ ސުވާލު ކުރެއްވި އެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި އެ ސުވާލުތަކަށް ޖަވާބުދޭން ފަނޑިޔާރުން އެންގެވި އެވެ.