ރާއްޖޭގެ އިސްލާހީ މަސައްކަތްތައް ފެށިގެން އައި އިރު އެ މަސައްކަތުގައި އިސްކޮށް އުޅުއްވި އަހުމަދު އިބްރާހިމް ދީދީ (ސަންދާނު އަހައްމައިދީ) ރޭ ނިޔާވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކޮށްފައިވާ ދުވަސްވަރެއްގައި، ބިރުކަނޑާލެއްވުމަށް ފަހު، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމަށް 1999 ވަނަ އަހަރު ނެރުނު ސަންދާނު ނޫހަށް އަހައްމައިދީ ވަނީ އެކި ލިޔުންތައް ލިޔުއްވައި، އެ ނޫހުގެ އެޑިޓަރުކަން ކުރައްވައިފަ އެވެ. އަހައްމައިދީއާ އެކު މަސައްކަތުގައި އުޅުއްވި އެެހެން ބޭފުޅުންނަކީ ނަޒާކީ މުހައްމަދު ޒަކީ، އިބްރާހިމް ލުތުފީ (ސަންދާނު ލުތުފީ) އަދި ފާތިމަތު ނިސްރީނެވެ. ސަންދާނު މަޖައްލާ ތައްޔާރުކޮށް އެ ދުވަސްވަރު ވަނީ އެތައް ހާސް ބަޔަކަށް މެއިލްމެދުވެރިކޮށް ފޮނުވައިފަ އެވެ. ސަންދާނު މަޖައްލާ ކިޔުމަކީ ވެސް އޭރު ބިރުވެރިކަމެކެެވެ. އެހެންވެ ގިނަ މީހުން މަޖައްލާގެ ލިޔުންތައް ކިޔަމުން ދިޔައީ ވަރަށް ސިއްރުންނެވެ.

ސަންދާނު ނެރޭ ބަޔަކު ހޯދަން ފުލުހުން އޭރު ވަނީ ބޮޑު އޮޕަރޭޝަނެއް ހިންގައިފަ އެވެ. ފުލުހުން ވަނީ މެލޭޝިޔާގައި ވެސް ތަހުގީގު ހިންގައިފަ އެވެ. އެންމެ ފަހުން އިންޓަނެޓް މަޖައްލާ ސަންދާނު ނެރޭ މީހުން ހޯދުމަށް ފަހު އެ މީހުންނަށް ޖަލުގެ ބޮޑެތި ހުކުމްތައް އިއްވި އެވެ. އެ ހަތަރު މީހުންގެ މައްޗަށް ދައުވާކުރި އިރު ބަންޑާރަ ނައިބަކީ ދާދި ފަހުން ރިޔާސީ އިންތިޚާބަށް ކުރިމަތިލާނެ ކަމަށް ވިދާޅުވި މުހައްމަދު މުނައްވަރެވެ. އަހައްމައިދީގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް 2002 ވަނަ އަހަރު އިއްވި ނަމަވެސް 2006 ވަނަ އަހަރު އޭނާ އަށް ވަނީ މައާފްދީ މިނިވަންކޮށްފަ އެވެ.

އޭގެ ފަހުން ވެސް އަހައްމައިދީ އާއި ނަޒާކީ ޒަކީ ވަނީ އެމްޑީޕީ އުފެއްދުމާ އެކު އިސްލާހީ މަސައްކަތުގައި އުޅުއްވައިފަ އެވެ. ސަންދާނު ލުތުފީ ވަޑައިގެންނެވީ ސްވިޒަލެންޑުގެ ހިމާޔަތުގައި އެ ގައުމަށެެވެ. އެމްޑީޕީގެ ރައީސް ކަމަށް މުނައްވަރު ވާދަކުރެއްވި އިރު ނަޒާކީ ޒަކީ އާއި އަހައްމައިދީ ވަނީ މުނައްވަރުގެ ބަންޑާރަ ނައިބުކަމުގައި އެ މީހުންނަށް ދިން އަނިޔާގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް އެމްޑީޕީގެ ޖަލްސާއެއްގައި މުނައްވަރުގެ ހާޒިރުގައި ވިދާޅުވެފަ އެވެ. (ފަހުން މުނައްވަރު ވެސް ވަނީ އެމްޑީޕީއާ ގުޅި އިސްލާހީ މަސައްކަތުގައި ބައިވެރިވެވަޑައިގެންފަ އެވެ.) އެކަމަކު އޭނާގެ ބަންޑާރަ ނައިބުކަމުގައި އެތައް ރައްޔިތުންނަށް އަނިޔާ ދެމުން ދިޔަ އިރު އަޅާނުލައި ހުންނެވީ ކީއްވެތޯ އެމްޑީޕީގެ މެންބަރުން ސުވާލު ކުރުމުން ވިދާޅުވެފައި ވަނީ ރައްޔިތުން އެކަމާ ގުޅޭ ގޮތުން ފޮނުވާ ސިޓީތައް ނުބައްލަވާ ކަަމަށެވެ. އަދި އޭނާ ވަނީ އެކަމަށް މައާފަށް ވެސް އެދިވަޑައިގެންފަ އެވެ.

ޖަލުން މިނިވަންކުރި ފަހުން ވެސް އަހައްމައިދީ ވަނީ އިންސާނީ ހައްގުތަކާއި ގާނޫނު އަސާސީން ރަައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ހޯދައި ދިނުމަށް އެކި މުޒާހަރާތަކުގައި އަޑު އުފުއްލަވައިފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އަހައްމައިދީ ވަނީ އޭރުގެ ސަރުކާރުގައި ހުރި މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރައްވައިފަ އެވެ. ނަތީޖާ އަކީ އެތައް ފަހަރަކު ފުލުހަށް ހާޒިރުކޮށް ބަންދު ކުރުމެވެ.

ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ވެއްޓުނު ފަހުން ގާއިމްކުރި މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އަހައްމައިދީ އަކީ ހިއުމަން ރައިޓްސް އެމްބަސެޑަރެވެ. ރައީސް ޔާމީން އަބްދުލް ގައްޔާމުގެ ވެރިކަމުގައި، އަހައްމައިދީ ވަނީ ގާނޫނު އަސާސީގެ ދިފާއުގައި ދިވެހިން ނުކުންނަން ވެއްޖެ ކަމަށް ވިދާޅުވެ 2015 ވަނަ އަހަރު އަޑު އުފުއްލަވައިފަ އެވެ. ނަމަވެސް އޭގެ ފަހުން ސިޔާސީ ހަރަކާތްތަކުން އަހައްމައިދީ ފެނުން ވަނީ ދުރުވެފަ އެވެ. ސަބަބަކީ ސިއްހަތު ތަންނުދިނުމެވެ.

އުމުރުން 72 އަހަރުގައި އަހައްމައިދީ އަވަހާރަވީ ވަރަށް ގިނަ ދުވަހު ބަލިވެ އުޅުއްވުމަށް ފަހު އެވެ. އަހައްމައިދީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު ހުޅުމާލޭގެ ސަހަރާ މިސްކިތުގަ އެވެ.