ބޮލީވުޑްގެ އެކްޓްރެސް އައިޝްވާރްޔާ ރާއީގެ ރީތިކަމާ އަޅުވައި ދެއްކި ވާހަކައަކުން އިންޑިއާގެ މިނިސްޓަރަކު ހޫނު ފެނަށް ވެއްޓިއްޖެ އެވެ.
މަހާރަސްތުރާގެ މިނިސްޓަރެއް ކަމަށްވާ ވިޖޭކުމާރް ގަވިތު ބުނީ ގަވާއިދުން މަސް ކާނަމަ އެ މީހެއްގެ ލޯ އައިޝްވާރްޔާގެ ލޯ ހާ ރީތިވާނެ ކަމަށެވެ.
އައިޝްވާރްޔާއަށް ރީތި ލޮލެއް ލިބިފައިވަނީ އޭނާގެ ޅަފަތުގެ ދުވަސްވަރު މަސްވެރި ހިސާބެއްގައި އުޅެބޮޑުވެ ގަވާއިދުން މަސް ކެއުމުން ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ވިޖޭކުމާރުގެ އެ ބަސްކޮޅާއެކު ގިނަ ބަޔަކު އަންނަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަންހެނުންނަށް އިހުތިރާމް ކުރަން އޭނާއަށް ނޭނގޭ ކަމަށް އެ މީހުން ބުނެ އެވެ.
އެއާއެކު މަހާރަސްތުރާގެ އަންހެނުންގެ ކޮމެޓީއިން ވެސް ވަނީ އެކަމާ ބެހޭގޮތުން ނޫސްބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި އެ ކޮމެޓީއިން ވަނީ އައިޝްވާރްޔާގެ ކިބައިން މައާފަށް އެދުމަށް ވިޖޭކުމާރަށް ގޮވާލާފަ އެވެ.
މިކަމާ ބެހޭ ގޮތުން އައިޝްވާރްޔާ ނުވަތަ އޭނާގެ ޓީމުން ވިޔަސް އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.