އެމްޑީޕީން ވަކިވެވަޑައިގަތީ އެ ޕާޓީ އިން އެމަނިކުފާނު ބާކީ ކޮށްލުމުން މަޖުބޫރުވެގެން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕެއިނަށް ހއ މުރައިދޫ އަށް ވަޑައިގެން ނަޝީދު ވިދާޅުވީ އެމްޑީޕީން އެމަނިކުފާނު ވަކިވި ކަމަށް ބުނާ ބުނުމަކީ ހަގީގަތެއް ނޫން ކަމަށެވެ.
ނަޝީދު ވިދާޅުވީ ހަގީގަތުގައި އެމްޑީޕީން އެމަނިކުފާނު ވަކިވެވަޑައިގަތުމަށް މަޖުބޫރު ކުރުވީ ކަމަށެވެ. އެމްޑީޕީ އެމަނިކުފާނާ ދުރަށް ދިޔައީ ކަމަށާއި އެމްޑީޕީގެ އިސް ސަފުގައި މިހާރު ތިބި ބޭފުޅުން އެމަނިފާނު އެމްޑީޕީން ވަކިކުރެއްވީ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެމީހުން އަޅުގަނޑު ޕާޓީން ވަކިކުރީ. އަޅުގަނޑު ބާކީ ކުރަމުންގޮސް މަރުގެ ތުންފަތް މައްޗަށްވެސް ވައްޓާލީ" ނަޝީދު ވިދާޅުވި އެވެ.
މިއަހަރުގެ ފެބްރުއަރީމަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު ނަޝީދު ވަނީ އެމްޑީޕީގެ ތެރެއިން "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް އުފެއްދެވުމަށް ފަހު ރިޔާސީ އިންތިހާބަށް މަސައްކަތް ކުރައްވަން ފައްޓަވާފަ އެވެ.
އެއަށްފަހު ދަ ޑިމޮކްރެޓްސްގެ ނަމުގައި ރައީސް ނަޝީދު ވަނީ ސިޔާސީ ޕާޓީ އެއް އުފައްދަވާފަ އެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓެއްގެ ގޮތުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ ނެރެފަ އެވެ.