ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ޕީޕީއެމް ކޯލިޝަން ތައްޔާރު ނޫން ކަމަށާ އެހެން ޕާޓީ އަކާއި އެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ޕީޕީއެމް ކޯލިޝަން މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ހއ. އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ވަށަފަރަށް ވަޑައިގެން އަދުރޭ ވިދާޅުވީ މިހާރު ވެސް ވަރަށް ގިނަ ޕާޓީތަކުން ކޯލިޝަން ހެދުމުގެ ވާހަކަ ދައްކާ ކަމަށެވެ.
އަދުރޭ ވިދާޅުވީ އެއްވެސް ދިވެހި ރައްޔިތަކު މިއަދު ކޯލިޝަން ސަރުކާރެއް ގެންނަން ބޭނުން ނުވަ ކަމަށަ އެހެންވީމާ ޕާޓީތަކުން އިންތިހާބުގައި ކޯލިޝަން ހެދުމުގެ ވާހަކަ ހުއްޓަލަން ޖެހޭ ކަމަށެވެ.
އަދުރޭ ވިދާޅުވީ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ދާން ތައްޔާރު ނުވާ ކަމަށާ ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށެވެ. މުޅި އަމާޒަކީ ވެސް އިންތިހަބު އެއްބުރުން ކަމިޔާބު ކުރުން ކަމަށް އަދުރޭ ވިދާޅުވި އެވެ.
"އަޅުގަނޑުމެނެއް ނޫޅެމޭ ބަޔަކާ އެކީގައި ކޯލިޝަނެއް ހަދާކަށް. އަޅުގަނޑުމެން މި އިންތިހާބުގެ ދެވަނަ ބުރަކަށް ތައްޔާރެއް ނުވަމޭ. އަމާޒަކީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުން،" އަދުރޭ ވިދާޅުވި އެވެ.
އެއްވެސް ޕާޓީއަކާ ކޯލިޝަން ނުހަދާނެ ކަމަށް ބުނެ އަދުރޭ ރައްދުދެއްވާފައި މިވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއްގައި ޕީޕީއެމް,ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއެކު ކޯލިޝަން ހެދުމަކީ ދަ ޑިމޮކްރެޓްސްގެ އާންމު މެމްބަރުންނަށް ފަސޭހަ ކަމެއް ނޫން ކަމަށް ޑީމޮކްރެޓްސްގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ ވިދާޅުވުމުންނެވެ.
ޑިމޮކްރެޓްސް އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމްތިޔާޒް ވިދާޅުވީ ޑރ. މުއިއްޒުއާއެކު ކޯލިޝަން ހެދުމަކީ އެ ޕާޓީގެ އާންމު މެންބަރުންނަށް ފަސޭހަ ކަމަކަށް ނުވި ނަމަވެސް, އެއީ އެ ހާލަތު އައިސްފި ނަމަ ޕާޓީން ނިންމަންޖެހޭނެ ނިންމުމެއް ކަމަށެވެ.