ވ. އާރަށު މައްސަލާގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުގެ ޖޫރިމަނާ އާގުޅޭ ބައިގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ހުކުމުގައި އޮތް ޖޫރިމަނާ ފަސްކުރި ނަމަވެސް ޔާމީންގެ ޖަލު ހައިކޯޓުން ފަސްކޮށެއް ނުދެ އެވެ.
ރައީސް ޔާމީންގެ ޖަލު ހުކުމް ފަސްކުރަން އެމަނިކުފާނުގެ ވަކީލުން ހައިކޯޓުގައި އެދިވަޑައިގެންނެވީ މީގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރުން ފަސްކުރަން ހައިކޯޓުންނާއި އަދި ސުޕްރީމް ކޯޓުން ވެސް އަމުރު ކޮށްފައި އޮތުމުންނެވެ.
ނަމަވެސް މިއަދު ހައިކޯޓުން ނެރުނު އަމުރުގައި ވިދާޅުވީ މީގެ ކުރިން ޖިނާއީ މައްސަލަތަކުގައި ކޮށްފައިވާ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރެފައިވީ ނަމަވެސް ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ރައީސް ޔާމީން މައްސަލައިގެ އަލީގައި ޖިނާއީ މައްސަލަތަކުގައި ދަށު މަރުހަލާގެ ކޯޓަކުން މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްނުކުރެވޭނެ ކަމީ މިހާރު އިސްތިގުރާރު ވެފައިވާ ހަމައެއް ކަމަށެވެ. މިއަށް އަމަލުކުރަން ނުޖެހޭ ފަދަ ގާނޫނޫ ސަބަބެއް ނުވަތަ މިއާ ދުރަށް ދާންޖެހޭ ފަދަ ގާނޫނީ އުސޫލެއް ޔާމީންގެ ފަރާތުން ޝާރީއަތައް ބަޔަން ކޮށްދެވިފައި ނެތް ކަމަށް ވެސް ހައިކޯޓުގެ އަމުރުގައިވެ އެވެ.
ޖިނާއީ މައްސަލަތަކުގައި ކޮށްފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމާއި ބެހޭ މަފުހޫމެއް އަދި އުސޫލެއް ނެތީސް ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށްފި ނަމަ އޭގެ ނަތީޖާއަކަށް ވާނީ ގާނޫނުގެ ހަމަހަމަކަން އެއްކިބާކޮށް ގާނޫނު ނުދަންނަ އަދި ގާނޫނާއި ބީރައްޓެހި ގާއިދާއެއް ނިޒާމުގެ ތެރެއަށް ތައާރަފުކޮށް އިޖުރާއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށް ވެސް ހައިކޯޓުގެ އަމުރުގައިވެ އެވެ.
ހައިކޯޓުގެ އަމުރުގައި ވިދާޅުވެފައި ވަނީ ޖިނާއީ މައްސަލަތަކުގައި ދަށު މަރުހަލާގެ ކޯޓަކުން މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކާއި ގާނޫނުލް އުގޫބާތުގައި ބަޔާން ކޮށްފައިވާ މަބްދުއެއްކަމުގައި ނުވާތީ އަދި ޖިނާއީ އިޖުރާއަތުގެ ތެރެއިން މިފަދަ ހުކުމްތައް ތަންފީޒުކުރުން ފަސްނުކުރެވޭނެ ކަމަށް މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައި ވާތީ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެން ޖެހޭ ގާނޫނީ އަސާސެއް އޮތް ކަމުގައި ނުދެކޭ ކަމަށެވެ.
ފަނޑިޔާރު ޝަފީއުގެ ރައުޔުގައި ވިދާޅުވީ ޖަލު ހުކުމް ފަސް ނުކުރެވޭނެ ކަމަށް ގާނޫނުގައި ނެތް ކަމަށް ބުނެ ހުކުމް ފަސް ނުކުރަން ނުނިންމޭނެ ކަމަށެވެ. ސަބަބަކީ ޖޫރިމަނާގެ ހުކުމް ފަސް ކުރަން ކުރިން ސުޕްރީމް ކޯޓުން ނިންމާފައި އޮތީ ވެސް ގާނޫނުގައި އެބާރު ދީފައި ނެތީސް ކަން ފަނޑިޔާރު ޝަފީއު ވިދާޅުވި އެވެ. ނަމަވެސް ކުރިން ރައީސް ޔާމީންގެ ޖަލު ހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން ނިންމި މައްސަލަ އާއި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާން ޖެހޭނެ ކަމަށް ގާނޫނު ބުނާތީ މިހިނދު އޮތް ގޮތަކީ ހުކުމް ފަސް ކުރަން އަމުރެއް ނެރެވެން ނެތުން ކަމުގައި ފަނޑިޔާރު ޝަފީއު ވެސް ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް އިއްވާފައި އޮތް ޖޫރިމަނާގެ ހުކުމް ފަސްކޮށް، ނަމަވެސް ޖަލު ހުކުމް ފަސް ނުކުރެވޭނެ ކަމަށް ނިންމީ ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ޙުކުމް ދެމިއޮތުމުގެ ސަބަބުންނާއި، އެ މައްސަލާގައި އިއްވާފައިވާ ޖޫރިމަނާ ފައިސާ ނުދައްކަވާ އޮތުމުގެ ސަބަބުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމެވުމުން، ރައީސް ޔާމީނަށް ވަނީ އެ ފުރުސަތު ގެއްލިފަ އެވެ.
އަލްހަމްދުލިﷲ