ޕީޕީއެމް ޕީއެންސީ ވެރިކަމުގައި ހދ. ކޭލަކުނު އީކޯ ޓޫރިޒަމަށް ހާއްސަކޮށް، އާމްދަނީ ލިބޭނެ މަޝްރޫއުތައް ހިންގާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒުގެ ކެމްޕޭން ފެށުމަށް ހދ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހދ ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ކޭލަކުނުގައި އީކޯ ޓޫރިޒަމަށް ހާއްސަ މަޝްރޫއުތަކެއް ހިންގާނެ ކަމަށެވެ. އަދި އީކޯ ޓުއަރިޒަމަށް އެރަށް ތަރައްގީ ކުރާނީ އެރަށުގެ ގުދުރަތީ ރީތިކަން ހިމާޔަތް ކުރުމާއެކު ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އީކޯ ޓޫރިޒަމަށް ކޭލަކުނުގައި ހިންގާ މަޝްރޫއިން މުޅި ހދ. އަތޮޅަށް އޭގެ މަންފާ ލިބޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި ހދ. އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެއަތޮޅުގައި ރިސޯޓެއް ތަރައްގީ ކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޭލަކުނުގައި އީކޯ ޓުރައިޒަމަށް ހައްސަ މަޝްރޫއެއް ހިންގާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއިރު ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެ ރަަށުގައި ރިސޯޓެއް ހިންގުމަށް ހުޅުވާލި އެވެ. ނަމަވެސް އާންމުންގެ ކަންބޮޑުވުމާ ހެދި ވަނީ ހުއްޓާލައިފަ އެވެ.
ޑރ. މުއިއްޒު ވަނީ ކުޅުދުއްފުއްޓަކަށް ގިނަ ކަންތައްތަކެއްް ކޮށްދޭއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން ކުޅުދުއްފުށީ ބޮޑެތި މަގުތަކުގައި ތާރު އެޅުމާއި ކުދި މަގުތަކުގައި ގާއަތުރައި، ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި ކުޅުދުއްފުށީ ހޮސްޕިޓަލަކީ ބޮޑެތި ބަލިތަކަށް ފަރުވާދެވޭ ފެންވަރުގެ ހޮސްޕިޓަލަކަށް ހައްދަވައި ދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.