މި ސަރުކާރުން ފަށައިގެން ހިނގަމުން އަންނަ ތަރައްގީގެ އެއްވެސް ކަމެއް ނުހުއްޓުވާނަން ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހދ. ހަނިމާދުއަށް ވަޑައިގެން އެރަށުގެ ޕީޕީއެމް ސަޕޯޓަރުންނާއިއެކު ބޭއްވެވި ޖަގަހަ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް މިހާރު ކުރަމުން ގެންދާ މަސައްކަތަކީ ރަނގަޅަށް ކުރިއަށް ގެންދެވިއްޖެނަމަ ރަށަށް ވަރަށް ފައިދާ ވާނެ މަޝްރޫއެއް ކަމަށެވެ.
"އެއާޕޯޓްގެ މަޝްރޫއު އަކީ ރަށަށް ފައިދާވާ ގޮތައް ކުރިއަށްދާނަމަ ވަރަށް ފައިދާ ވާނެ މަޝްރޫއެއް. މިރަށުން ލިބެން ހުންނަ ތަކެތި މިރަށުން ހޯދައިގެން އެމަސައްކަތް ކުރިއަށް ގެންގޮސް އަދި ވަޒީފާ ދެވޭ ފަރާތްތަކަކީ ވަކި އިންސައްތައެއް ނަމަވެސް މިރަށުގެ މީހުންނަށް ހެދިއްޖެނަމަ މިރަށަށް ފައިދާ ވާނެ. މިހާރަށް ވުރެ މާރަނގަޅަށް ރަށަށް ފައިދާވާނެ ގޮތައް ކަންކަން ކުރެވޭނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ޕީޕީއެމްއަކީ ތަރައްގީއަށް ލޯބި ކުރާ ތަރައްގީ ގެންނަން ބޭނުންވާ ބައެއް ކަމަށާއި އެކަން ރައީސް ޔާމީންގެ ފަސް އަހަރު ވާނީ ސާބިތުކޮށްދީފައި ކަމަށެވެ. އަދި ވެރިކަން ލިބުމުން އެންމެ ބޮޑަށް މަސައްކަތް ކުރައްވާނީ ރައީސް ޔާމީން މިނިވަން ކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާތަނަށް ކުރެވުނު އެއްވެސް މަސައްކަތަކުން ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތުގައި ކާމިޔާބަކާ ހަމައަށް ނުދެވުނު ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ރައީސް ޔާމީން މިނިވަން ކުރުމުގައި ބައިވެރިވެ ވަޑައިގަންނަވަން މުއިއްޒު އެދިވަޑައިގެންނެވި އެވެ.
މުއިއްޒު ބޮޑުތިލަދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ފުރަތަމަ ވަޑައިގެންނެވީ ހަނިމާދުއަށެވެ. އެއަށްފަހު ނޮޅިވަރަމް އަދި ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ އެވެ. މިރޭ ކުޅުދުއްފުށީގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.