އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުަހއްމަދު ޞާލިހު ކެމްޕެއިން ދަތުރުފުޅަށް މިއަދު ގއ. ވިލިނގިއްޔަށް ވަޑައިގަތުމުން އެރަށުގައި ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން ތިން މީހަކު ހައްޔަރު ކޮށްފި އެވެ.
ވިލިނގިއްޔަކީ އިދިކޮޅު ޕީޕީއެމްގެ ބޮޑު ތާއީދެއް އޮންނަ ރަށެކެވެ. ރައީސް ޞާލިހު މިއަދު ހަވީރު ވިލިނގިއްޔަށް ވަޑައިގަތް ވަގުތާ ދިމާކޮށް ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ބަނދަރު މަތީގައި އިހްތިޖާޖް ކޮށްފަ އެވެ. ރައީސް ޞާލިހާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ މީހުން އެ ސަރަހައްދުން ދުރަށް ޖައްސަން އުޅުނު ވަގުތު ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ހަމަނުޖެހުންތަކެއް ހިނގި އެވެ. ފުލުހުން އެމީހުން ދުރަށް ޖައްސަން އުޅުނު ވަގުތު އެތަނުގައި ތިބި ބައެއް މީހުން ވަނީ ފުލުހުންނާ ދިމަލަށް ގައު އުކާފަ އެވެ. އެ ހަމަނުޖެހުމުގެ ތެރެއިން ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
ރައީސް ޞާލިހު ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަންނަވާއިރު ބައެއް ރަށްރަށުން އެމަނިކުފަނާ ދުކޮޅަށް އަޑު އުފުލަމުން ގެންދެ އެވެ. އެ އެއްވުންތައް ފުލުހުންދަނީ ރޫޅާލަމުންނެވެ. އަދި ބައެއް ރަށްރަށުގައި ދަމާފައި ހުންނަ ބެނާ ތަކާ ލިޔުންތައްވެސް ރައީސް އެރަށަކަށް ވަޑައިގަތުމުގެ ކުރިން ފުލުހުން ނަގަ އެވެ.
ގދ. މަޑަވެލީގައި އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާ ބާއްވަން އޮތް ތަނުގައި ބަޔަކު ހުޅުޖަހާފައިވެ އެވެ. އަދި އޭގެ ކުރިން ފުވައްމުލަކުގައިވެސް ބޮޑު ހަމަނުޖެހުމެއް ހިނގާފައިވެ އެވެ.
ވިލިނގިލިން ރައީސް ޞާލިހުއާ ދެކޮޅަށް އަޑު އުފުލި ބަޔަކު ހައްޔަރު ކޮށްފައިވަނީ ކެމްޕޭނު ކުރުމަށް ފުރުސަތު އޮންނާނެ ކަމަށާއި ހާމަކަން ބޮޑު ގޮތެއްގައި ޚިޔާލު ފާލު ކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށް ރައީސް ވިދާޅުވެފައި ވަނިކޮށެވެ.