އެގާރަ އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ގެއަށް ބަދަލުކޮށް ދެއްވުމަށް އެމަނިކުފާނު ހައި ކޯޓުގައި އެދިވަޑައިގެންފި އެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި މަނީ ލޯންޑަރިންނާއި ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ގިނަ ދުވަސްތަކަށް ފަހު ބޭއްވުމަށް މިއަދު ހައިކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ހާލު ކޮޅު ރަނގަޅު ނޫން ކަމަށެވެ. އަދި ވަރަށް އަސަރާއެކު އެދިވަޑައިގަތީ ގެއަށް ބަދަލުކޮށް ދިނުމަށެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނު ހުންނެވީ ޒުވާންއުމުރުގައި ނޫންކަމަށެވެ. އަދި ޑޮކްޓަރަށް ނުދައްކާ ހުންނަވަނީ އެކަން ކުރަން ޖެހިވަޑައި ނުގަންނަވާތީ ނޫން ކަމަށާއި ހޮސްޕިޓަލަށް ވަޑައިގެން އެޑްމިޓް ކޮށްފިނަމަ އެކަމުން އެމަނިކުފާނުގެ އާއިލާ ތަހައްމަލް ކުރާނެ ހިތްދަތިކަން އިހްސާސް ކުރެވޭތީ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ހޮސްޕިޓަލަށް ނުގޮސް މީހުންނަކީ އެތަނަށް ގޮސް އޮންނަން ވެއްޖިއްޔާ އާއިލާއިން އިތުރަށް ކަންބޮޑުވާނެތީ، އެހެން ނޫންނަމަ މިހާރު ގޮސް އޮންނާނީ ހޮސްޕިޓަލްގަ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަރަށް އާދޭހާ އެކު ފަނޑިޔާރުންގެ މިބައިން އެދިވަޑައިގަތީ އެމަނިކުފާނަށް އިހުސާންތެރިވުމަށެވެ.
ޔާމީންގެ ފަރާތުން އެދިފައިވަނީ ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމަށެވެ. އެކަމާގުޅޭ ގޮތުން ވަކި ގޮތެއް އާދިއްތަ ދުވަހު ނިންމަވާނެ ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.