ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި މަނީ ލޯންޑަރިންނާއި ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ގިނަ ދުވަސްތަކަށް ފަހު ބޭއްވުމަށް ހައިކޯޓުގައި ތާވަލުކޮށްފި އެވެ.
މިމައްސަލަ ހައިކޯޓުގައި މިމައްސަލަ ތާވަލް ކޮށްފައި މިވަނީ އަޑުއެހުމެއް ނުބާއްވާތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
ހައިކޯޓުގައި އޮތް ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ލަސްވަމުން ދާތީ އެމަނިކުފާނުގެ ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު އާއި ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން މިއަދު ވަނީ ހައިކޯޓަށް ވަޑައިގެންފަ އެވެ.
ހައިކޯޓުން ނިކުމެވަޑައިގެން ރައީސް ޔާމީންގެ ވަކީލު ޑރ. ޖަމީލް ވިދާޅުވީ އިސްތިއުނާފު މައްސަލަ އަންނަ ބުރާސްފަތި ދުވަހަށް ތާވަލް ކުރިކަން ހައިކޯޓުން މިއަދު މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަންސާސް ދެ މިލިއަށް ރުފިޔާގެ ޖޫރިމަނާ އެއްކޮށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި އެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.