ދަރިން ތަރުބިއްޔަތު ކުރުުމުގައި މައިންބަފައިން ގެންގުޅޭ ބައެއް އާދަތަކުގެ ސަބަބުން ދަރިންނަށް ދާއިމީ ނަފްސާނީ ގެއްލުން ލިބޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ. މިއީ ގިނަ ފަހަރަށް ނިސްބަތުން ވަރަށް އާދައިގެ އަދި ނޭނގިތިބެ މައިންބަފައިންނަށް ކުރަވޭ ކަންކަމެވެ. އެފަދަ ބައެއް ކަންކަމަށް ބަލާލާނަމެވެ.
ކުދިންގެ މެދުގައި އަޅާ ކިޔުން
ހުރިހާ ކުދިންނަކީ އެއްކަހަލަ ކުދިންނެއް ނޫނެވެ. ނަމަވެސް ދަރިން ރަނގަޅު ކުރުމުގެ ނިޔަތުގައި ނަމަވެސް ދަރިންނަށް އެހެން ކުދިންގެ މިސާލު ދެވި އެހެން އުޅުމަށް ބުނެވެ އެވެ. މިފަދަ ބަސްތަކުން އެއް ކުއްޖަކު އަނެއް ކުއްޖަކާ ދޭތެރޭ ވެސް ހިތްހަމަނުޖެހި އަދި މައިންބަފައިންނާ ދަރިންނާ އޮންނަ ގުޅުމަށް ވެސް ބުރޫ އަރަ އެވެ.
ކުދިން ނުރުހޭ ވަނަމުން ގޮވުން
މަޖަލަކަށް ހަދާފައި، ތަފާތު ވަނަންތަކުން މުޚާތަބުކުރުން އެއީ އެހާ ބޮޑު ގޯހެއް ނޫނެވެ. ނަމަވެސް މާ ގިނައިން މި ކަހަލަ ނަންތަކުން ގޮވާ ނަމަ ކުދިންގެ ހިތުގައި މުޅި އުމުރަށް ނުފިލާ ހުންނަ ކަހަލަ ލަކުނުތަކެއް ލެވުމަކީ އެކަށީގެންވާ ކަމެކެވެ. މައިންބަފައިން ދަރިންނާ ދިމާލަށް ތަފާތު ނަން ނަމުން ގޮވުމަކީ އެކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް ވެސް ގެއްލުން ލިބޭ ކަމެކެވެ.
އަރާރުންވެ ޒުވާބު ކުރުން
މައިންބަފައިން ދައްކާ ވާހަކަތަކަށް ކުދިން ހަމައެކަނި ސަމާލުކަން ދެނީއެއް ނޫނެވެ. މައިންބަފައިން ކުރާ ކަންތައްތައް އެކުދިން ދަސް ވެސް ކުރެ އެވެ. ދަރިން ކުރިމަތީގައި އަބަދު ޒުވާބު ކުރާނަމަ ދިގު މުއްދަތުގައި ދަރިންގެ ނަފްސާނީ ސިއްހަތަށް އަސަރުކުރާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ދަރިންގެ މެދުގައި ތަފާތު ކުރުން
ދަރިންގެ މެދުގައި ތަފާތު ނުކުރާ ކަމަށް ވަރަށް ގިނަ މައިންބަފައިން ގަބޫލު ކުރެ އެވެ. ނަމަވެސް ވަރަށް ގިނަ މައިންބަފައިންގެ "ރަން" ދަރިއަކު ހުރެ އެވެ. މިފަދަ ކުދިންނަށް އެހެން ކުދިންނަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަކީ ދެން ތިބި ކުދިންނަށް އެ ކުދިންނަކީ މުހިއްމު ބައެއް ނޫން ކަމުގެ އިހުސާސް ކުރުވާ ނަފްސާނީ ގެއްލުން ލިއްބައިދޭ ކަމެކެވެ.