ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމި ނިންމުމަކީ ގާނޫނޫއަސާސީއާ ހިލާފު ނިންމުމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމި ނިންމުމުގައި ވަނީ ޔާމީނަކީ ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށް ވާތީ، އެ ހުކުމް ތަންފީޒުކޮށް ނިމިފައިނުވާކަން ހުށަހެޅިފައިވާ ކުށުގެ ރެކޯޑުން އެނގެން އޮންނާތީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށެވެ.
އެ ނިންމުމާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ ޔާމީންގެ ކެންޑިޑެސީ ބަލައި ނުގަންނަން ނިންމި ނިންމުމަކީ ޤާނޫނުއަސާސީ އާއި ޤާނޫނު އަސާސީން ކަނޑައަޅައިފައިވާ ދުސްތޫރީ އުޞޫލުތަކާ ޚިލާފަށްކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖިނާއީ ހުކުމަކަށް ތަންފީޒީ ބާރު ލިބޭނީ އެ ހުކުމެއް ނިހާއީ ހުކުމަކަށް ވެގެން ކަމަށާއި ހުކުމެއް ނިހާއީ ހުކުމަކަށް ވާނީ އާންމު އުސޫލެއްގެ ގޮތުން، އިސްތިއުނާފުކުރުމުގެ ހައްގު ލިބިގެންވާ ފަރާތުން އެ ހައްގު ސަރީހަކޮށް ދޫކޮށްލުން، ނުވަތަ އިސްތިއުނާފު ކުރުމުގެ މުއްދަތުގައި އިސްތިއުނާފު ނުކުރުން، ނުވަތަ އިސްތިއުނާފުގެ ޝަރުއީ އެންމެހައި މަރްޙަލާތައް ހުކުމަށް ތާއީދުކޮށްގެން ނިމުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ހުއްޓިފައި ވަނީ މައްސަލަ ބައްލަވާ ދެ ފަނޑިޔާރަކު ޗުއްޓީގައި ތިއްބެވުމުންނެވެ.