ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމިންގެ ރަނިންމޭޓް އަކަށް ކުރީގެ ނައިބު ރައީސް އަދި އެމަނިކުފަނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ހަމަޖައްސަވައިފި އެވެ.
ޑރ. ޖަމީލް ހަމަޖައްސާފައިވާކަން ޕީޕީއެމް އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ވ. އާރަށް މައްސަލާގައި ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
މަނީލޯންޑަރިން އާއި ރިޝްވަތުގެ ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ސަބަބަކީ އެ މަނިކުފާނަށް އިއްވި ހުކުމުގެ އިސްތިއުނާފު މަރުހަލާ އަދި ނުނިމޭތީ އެވެ.
ރައީސް ޔާމިންގެ ރަނިންމޭޓްއަކަށް ޑރ. ޖަމީލް ހަމަޖެއްސެވި އިރު 2012ގެ ރިޔާސީ އިންތިހާބުގައި ވެސް ރައީސް ޔާމީންގެ ރަނިންމޭޓަކީ ޑރ ޖަމީލް އެވެ. އަދި އެއީ ރައީސް ޔާމިންގެ ފުރަތަމަ ނައިބު ރައީސް އެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ ޑރ. ޖަމީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްވައްދާ ފާސްކޮށްފަ އެވެ.
ޑރ. ޖަމީލް ރައީސް ޔާމީންގެ ޔާމީންގެ ނައިބު ރައީސެއްގެ ގޮތުގައި ހުންނެވީ އެއް އަހަރާއި އަށް މަސް ދުވަސް ވަން ދެންނެވެ.
އޭރު ޑރ. ޖަމީލްގެ މައްޗަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުން ތުހުމަތު ކުރީ އިދިކޮޅު ފަރާތްތަކާއި އެކު މަސައްކަތް ކުރައްވާކަމުގެ ތުހުމަތެވެ. މަޖިލީހުން ޑރ. ޖަމީލްގެ އިތުބަރުނެތް ކަމުގެ މައްސަލަ ފާސްކުރުމުން އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ.
މިސަރުކާރުގައި ރައީސް ޔާމީން ޖަލަށް ލެއްވި ފަހުން ޑރ. މުހައްމަދު ޖަމީލް ގެންދަވަނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެއްމެ އިސް ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.