މޭވާ އާއި ތަރުކާރީގެ ތެރެއިން ރަތްކުލައިގެ ބާވަތްތައް ކެއުމަށް ސިއްޙަތާ ބެހޭ ތަޖްރިބާކާރުން ވަރަށް ބޮޑަށް ބާރުއަޅަ އެވެ. ތިރީގައި މިވަނީ ރަތްކުލައިގެ މޭވާއާއި ތަރުކާރީގެ ތެރެއިން ވެސް އެންމެ ގިނައިން ކެއުމަށް ޑޮކްޓަރުންގެ އިތުރުން ސިއްޙަތާ އަދި ކާބޯތަކެއްޗާ ބެހޭ ތަޖްރިބާކާރުން ބާރުއަޅުއްވާ ފަސް ބާވަތެވެ.

ރޯ ޓޮމާޓޯ

މިއީ ވިޓަމިން އޭ އާއި ސީ އާއި ޕޮޓޭސިއަމްގެ އިތުރުން ފައިބާ ވެސް އެކުލެވޭ ތަރުކާރީ އެވެ. ނަމަވެސް ޓޮމާޓޯގައި ހިމެނޭ އެންމެ މުހިއްމު މާއްދާއަކީ ލިކޮބިން އެވެ. މިއީ އެންޓި އޮކްސިޑެންޓެކެވެ. ލިކޮބިންއަކީ މުސްކުޅިވުމުގެ ސަބަބުން ކުރިމަތިވާ ގިނަ ބަލިތަކުން ދުރުކޮށްދޭ ނުބައި ކޮލެސްޓްރޯލް ދަށްކޮށްދޭ އަދި ކެންސަރުން ދިފާއުވުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރާ މާއްދާ އެކެވެ. މީގެ އިތުރުން މިއީ ލޮލަށް ވެސް ފައިދާހުރި އަދި ހިތުގެ ބޮޑެތި ނާރުތަކުގައި ސަރުބީ ޖެހުން ވެސް ކުޑަކޮށްދޭ މާއްދާ އެކެވެ.

ރަތްމިރުސް

ރަތްކުލައިގެ މިރުހަކީ ހަނށިގަނޑުގައިވާ ނާރުތައް ސާފުކޮށްދީ ލޭ ހިނގުން ފަސޭހަކޮށް ދިނުމުގެ އިތުރުން ލޭ އޮލަވުމުން ސަލާމަތްކޮށްދޭ މައްދާތައް އެކުލެވޭ ތަރުކާރީ އެކެވެ. ރަތްކުލައިގެ މިރުހުގައި ވިޓަމިން ސީ ގިނައަދަދަކަށް ހުރެ އެވެ. އަދި އޭގައި އެކުލެވޭ ކަބްސެސަން މާއްދާއަކީ މެޓަބޮލިޒަމް ރަނގަޅުކޮށްދީ ހަޖަމު ރަނގަޅުކޮށްދޭ މާއްދާ އެކެވެ. މީގެ އިތުރުން މިރުހުގައި އެކުލެވޭ އެންޑްރޮވިން އަކީ އިންސާނާއަށް ހިތްހަމަޖެހުން ގެނަސްދޭ މާއްދާ އެކެވެ. ނަމަވެސް މައިދާއާއި ގޮހޮރުގައި މައްސަލަތަކާއި ފާރުހުންނަ މީހުން މިރުސް ކެއުން ރަނގަޅު ނޫންކަމަށްވެ އެވެ.

ބީޓްރޫޓް

މިއީ ވަރަށް ގިނައިން ފޯލިކް އެސިޑް އެކުލެވޭ ތަރުކާރީ އެކެވެ. މީގައި އެކުލެވޭ ބިޓަނިންއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ލޭގެ ޕްރެޝަރު ވެސް ދަށްކޮށްދޭ މައްދާ އެކެވެ. މީގެ އިތުރުން ބިޓަނިންއަކީ އަންހެނުންނާއި ފިރިހެނުންގެ ޖިންސީ ބަލިކަށިކަން ފިލުވުމުގައި މުހިއްމު ދައުރެއް އަދާކުރާ މާއްދާ އެކެވެ.

ކްރޭންބެރީ

މިއީ ގިނައަދަދަކަށް ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓްސް ހިމެނޭ މޭވާއެކެވެ. ދިރާސާތައް ދައްކާގޮތުން ކްރެއިން ބެރީގައި މަސާނާއާއި ކިޑްނީ ސާފުކޮށް ކުޑަކަމުދާ ނިޒާމުގެ ސިއްޙަތު ރަނގަޅު ކޮށްދޭ މާއްދާތައް ހިމެނެ އެވެ. މިގޮތުން ކްރޭން ބެރީ ކެއުމުން ނޫނީ އޭގެޖޫސް ބުއިމުން ކުޑަކަމުދާ ނިޒާމުގައިވާ ކުދި ހިލަތައް ވައްޓާލައެވެ. އަދި މިނިޒާމުގެ ހޮޅިތަކުގައިވާ ނުރައްކާތެރި ޖަރާސީމުތައް މަރާލަ އެވެ.

ޗެރީ

މިއީ ހަށިގަނޑުގައި އަޅާ އެކިބާވަތުގެ ވޭންތައް ލުއިކޮށްދީ ކެންސަރާއި ހަކުރުބަލިން ސަލާމަތް ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ މާއްދާތައް ވަރަށް ގިނަ މޭވާ އެކެވެ. ޗެރީގައި ހިމެނޭ މިބާވަތުގެ މާއްދާތަކުގެ ތެރޭގައި ފްލަވޮނޮވިޑްސް، އަޒުކިސްޓެރަން، ކެސްޓްރިން އާއި މިނޫންވެސް އެތައް ކޮންޕައުންޑްތަކެއް ހިމެނެ އެވެ. މިއީ މުސްކުޅިވުމުގެ ސަބަބުން ކުރިމަތިވާ ގިނަ ބަލިތަކުން ދުރު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ މައްދާ ތަކެކެވެ.