ފިޖީގެ ބޮޑުވަޒީރު ސިޓިވެނީ ރަބުކާ އިއްޔެ ޗައިނާއަށް ވަޑައިގަންނަވަން އޮތް ދަތުރުފުޅެއް ކުއްލި ގޮތަކަށް ކެންސަލް ކުރައްވައިފި އެވެ.
ދަތުރުފުޅުގެ ހުރިހާ ކަމެއް ނިމިފައި ވަނިކޮށް ކުއްލި ގޮތަކަށް ބޮޑުވަޒީރު ނެރުއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ފޯނަށް ބައްލަވަމުން އޮފީސް ތެރޭގައި ހިންގަވަނިކޮށް ދޮރެއްގައި ޖެހި ބޯފެޅިފައިވާ ކަމަށެވެ.
ބޮޑުވަޒީރުގެ ޗައިނާ ދަތުރުފުޅު ކުއްލި ގޮތަކަށް ކެންސަލް ކުރުމުން އެއީ އޭނާގެ ގައުމާ ޗައިނާ އާ މާބޮޑަށް ގާތްވަމުން ނުދާކަން ދެއްކުމަށް ގަސްދުގައި ކުރެއްވި ކަމެއް ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ.
އަންގާރަ ދުވަހު އާންމު ކުރި ވީޑިއޯގައި ބޮޑުވަޒީރު ރަބޫކާ ފެންނަނީ ބޮލުގައި ބެންޑޭޖެއް އޮޅައިފައި ހުންނަވަނިކޮށެވެ. ގަމީސްކޮޅުގައި ލޭ ވެސް ހުއްޓެވެ.
"އަޅުގަނޑަކަށް ނޭނގެ، ބޮޑަށް ތަދުވީ ދޮރަށްކަން ނުވަތަ ބޮލަށް ކަން،" އެކްސިޑެންޓް ހިނގި ގޮތް ތަފުސީލްކޮށް ދެއްވަމުން ބޮޑުވަޒީރު ވިދާޅުވި އެވެ.
ރަބޫކާ ވިދާޅުވިގޮތުގައި އެ އެއކްސިޑެންޓްގެ ސަބަބުން ޗައިނާގެ ދަތުރުފުޅު ކެންސަލްކުރަން ޖެހޭ ވާހަކަ ޗައިނާ ސަރުކާރަށް އޭނާ އަންގަވާނެ އެވެ. ހަމަ އެއާއެކު މުސްތަގުބަލުގައި ޗައިނާގެ ދައުވަތު ގަބޫލުކުރައްވަން އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރަބޫކާގެ ވީޑީއޯ މެސްޖް އާންމުވީ ފިޖީގައި ހުންނަ ޗައިނާ އެމްބަސީން ރަބޫކާ ޗައިނާއަށް ވަޑައިގަންނަވާނެ ކަން އިއުލާންކުރިތާ އިރުކޮޅެއް ފަހުންނެވެ.
ވޯލްޑް ޔުނިވަސިޓީ ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޗައިނާއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅުގައި ޗައިނާގެ ލީޑަރު ޝީ ޖިންޕިންއާ ވެސް ރަބޫކާ ބައްދަލު ކުރައްވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.
ފިޖީގައި ހުންނަ ޗައިނާ އެމްބަސީ އިންނާއި ޗައިނާގެ ފޮރިން މިނިސްޓްރީ އިން ވަނީ ރަބޫކާއަށް ހަމްދަރުދީގެ މެސެޖް ފޮނުވައިފަ އެވެ. އެ މެސެޖްގައި އޭނާއަށް އަވަސް ޝިފާއަކަށް އެދިފައިވެ އެވެ.
ޕެސިފިކްގެ ގައުމެއް ކަމަށްވާ ފިޖީ އާއި ޗައިނާގެ ގުޅުން ގާތް ވަމުންދާ ދިއުމާމެދު ހުޅަނގުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރަބޫކާގެ މިއަމަލާ މެދު ޝައްކު އުފެދޭ ގޮތް ވަނީ އެ ސަބަބާ ހެދި އެވެ.